ކުޅިވަރު

12 އަހަރަށް ފަހު ބްރެޒިލަށް ދެކުނު އެމެރިކާގެ ޗެމްޕިއަންކަން

ޕެރޫގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 12 އަހަރަށް ފަހު ދެކުނު އެމެރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލް ހޯދައިފި އެވެ.

މީގެ ކުރިން، ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލުން ހޯދީ ވެނެޒުއޭލާގައި 2007 ވަނަ އަހަރު ބޭއްވި މުބާރާތުގައި އާޖެންޓީނާ ބަލި ކުރުމަށް ފަހު އެވެ. މެޗުގައި ބްރެޒިލްގެ ތަރިއަކަށްވީ، ގެބްރިއަލް ޖެސޫސް އެވެ. އޭނާ ވަނީ ލަނޑު ޖަހައި، އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި އޭނާ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި އެވަޓަން ކާމިޔާބު ކުރީ، ޖެސޫސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 44 ވަނަ މިނެޓްގައި، ޕެރޫއަށް ލިބުނު ޕެނަލްޓީ އަކުން ޕައުލޯ ގުއެރޭރޯ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ތިން ވަނަ މިނެޓްގައި ޖެސޫސް ވަނީ ބްރެޒިލްއަށް އަލުން ލީޑް ނަގައިދިފަ އެވެ. އޭނާ ލަނޑު ޖެހީ އާތަ މެލޫ ދިން ޕާހަކުންނެވެ.

މެޗުގެ ފަހު 20 މިނެޓް އެއް ކުޅުންތެރިޔަކު މަދުކޮށް ބްރެޒިލްއިން ކުޅެމުން ދިޔަ ނަމަވެސް ޕެރޫއަށް އޭގެ ފައިދާ ނެގޭ ގޮތެއް ނުވި އެވެ. ބްރެޒިލްގެ ތިން ވަނަ ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ރިޗާލިސަން އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް އެވެ. އެންމެ މޮޅު ކީޕަރަކީ، ބްރެޒިލްގެ އެލިސަން ބެކާ އެވެ. އެންމެ ގިނަ ގޯލް ޖެހީ ބްރެޒިލްގެ އެވަޓަން އާއި ޕެރޫގެ ގުއެރޭރޯ އެވެ. ދެ ކުޅުންތެރިންވެސް ވަނީ ތިން ލަނޑު ޖާހަފަ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީވެސް ބްރެޒިލް އެވެ.