ކުޅިވަރު

އެއްވަރުވެ ވެނެޒުއެލާ އާއި އެކުއާޑޯއަށް އިތުރު މަސައްކަތެއް

ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ވެނެޒުއެލާ އާއި އެކުއާޑޯ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވެ ދެޓީމަށް ވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިއްޖެ އެވެ.

ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދާފައި ވަނީ މެޗުގައި މޮޅަށް ކުޅުނު އެކުއާޑޯ އިންނެވެ. މި ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެއިޓަން ޕްރެސިއާޑޯ އެވެ. ލިބުނު ހިލޭ ޖެހުމެއް ކީޕަރުގެ ގައިގައި ޖެހިފައި ނިކުތުމުން އެއިޓަން ވަނީ ހުސް ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ވެނެޒުއޭލާއިން ނަތީޖާ ހަމަހަމަ ކުރީ އެޑްސަން ކަސްޓިއޯ ޖަހައިދިން ލަނޑަކުންނެވެ. ޓީމުގެ ކުޅުންތެރިއެއް ނަގައިދިން ހުރަހެއް އެއްކޮށް ހުސްކޮށް ހުރެފައި ކަސްޓިއޯ ވަނީ ގޯލުގެ ކަނަށް ފޮނުވާލާފަ އެވެ. މިއީ ކަސްޓިއޯ ވެނެޒުއެލާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ.

މެޗު ނިމެން 19 މިނެޓަށް ވެފައި ވަނިކޮށް އަނެއްކާވެސް އެކުއާޑޯއަށް ލީޑު ހޯދައިދިނީ ގޮންޒާލޯ ޕްލާޓާ އެވެ. މުޅިން ހުސްކޮށް އިދިކޮޅު އޭރިއާ ތެރެއަށް ވަދެ ފޮނުވާޅި ބޯޅާ ކީޕަރު މަތަކުރި ނަމަވެސް އޭނާ ވަނީ އަލުން ބޯޅަ ގޯލުގެ ތެރެއަށް ފުރޮޅާލާފަ އެވެ.

މެޗުގައި އެންމެން ހައިރާން ކޮށްލާ ވެނެޒުއެލާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑް ހެނާންޑެޒް އެވެ. އޭނާއަށް މަތިން ލިބުނު ދިގު ޕާސް ޕޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ވަރަށް ހަމަ ޖެހިފަ އެވެ.

ވެނެޒުއެލާ އާއި އެކުއާޑޮ އަކީ މިހާތަނަށް ކޮޕަ އެމެރިކާގެ ތަށި ހިއްލާލެވިފައި ނުވާ ދެ ޓީމެވެ. ސައުތު އެމެރިކާގެ އެހެން ހުރިހާ ޓީމަކުންވެސް މިޙާރު ވަނީ ކޮޕަ އެމެރިކާ ކާމިޔާބު ކޮށްފަ އެވެ. އެހެން ކަމުން ދެ ޓީމުންވެސް މަރުދެނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށެވެ.

ރޭ ކުޅުނު މެޗުން އެއްވަރުވެ އެކުއާޑޯ އޮތީ ގްރޫޕުގެ ފުލުގަ އެވެ. ދެ މެޗުން މޮޅުވެ ބްރެޒިލް އޮތީ ހަ ޕޮއިންޓާއި އެކު އެއް ވަނައިގަ އެވެ. ހަތަރު ޕޮއިންޓާއި އެކު ދެ ވަނައިގައި ކޮލަމްބިއާ އޮތްއިރު ތިން ޕޮއިންޓާއި އެކު ތިން ވަނައިގަ އޮތީ ޕެރޫ އެވެ. ވެނެޒުއެލާ ހަތަރު ވަނައިގައި އޮތީ ދެ ޕޮއިންޓާއި އެކުގަ އެވެ.