ކުޅިވަރު

ބްރެޒިލްގެ ނަތީޖާ ވީއޭއާރުން ހުއްޓުވައިފި

ބްރެޒިލުން މެޗުގައި ޖެހި ދެ ލަނޑުވެސް ވީއޭއާރުން ބަލައި ނުގަތުމުން، ވެނެޒުއޭލާ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމި، ބްރެޒިލްއަށް މާޔޫސްކަން ކުރިމަތި ވެއްޖެ އެވެ.

އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި، ރޭ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ސިޓީ ސައުޕޯލާގައި ކުޅުނު މެޗުގައި އެ ޓީމުން ހޯދި ނަތީޖާއާ އެކު ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން މާލާމަތާއި ފުރައްސާރަ ކުރުން އަމާޒުވި އެވެ.

ފުރަތަމަ ހާފުގައި، ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރި ލަނޑު، ހުއްޓުވީ ލަނޑު ޖަހައި އުފާފާޅުކޮށް ނިމުނު ފަހުން، އެ ގޯލް ޖެހުމުގެ ކުރިން ފިރުމީނޯ ފައުލު ކޮށްފައިވާ ކަމަށް ވީއޭއާރުން ދެއްކުމުންނެވެ. ފަހުން ގެބްރިއަލް ޖެސޫސް ފޮނުވާލި ބޯޅަވެސް ދިޔައީ ދަނޑި ކައިރިން ލާފައި ބޭރަށެވެ. މެޗުގެ ފަހު ކޮޅުގައި ފިލިޕޭ ކުޓީނިއޯ ޖެހި ގޯލްވެސް ހުއްޓުވީ ވީއޭއާރުންނެވެ. މިފަހަރު ދެއްކީ ލަނޑު ޖެހުމުގެ ކުރިން އޮފް ސައިޑް ވެފައިވާ ކަމަށެވެ.

މެޗުގެ ނަތީޖާ އެއްވަރުވެ، އެ ގުރޫޕްގައި ޕެރޫ އާއި ބޮލީވިއާ ކުޅުނު މެޗުން ފަހަތުން އަރައި 3-1 ން ޕެރޫ މޮޅުވުމުން ދެ ވަނަ ބުރަށް ދިއުމުގެ ރޭސް ވަނީ ފޯރިގަދަ ވެފަ އެވެ. ބްރެޒިލް އާއި ޕެރޫއަށްވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ބޮލީވީއާއިން ފުރަތަމަ ލީޑް ނެގީ، މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ މާސެލޯ މާޓިން މޮރޭނޯ އެވެ. ޕެރޫއަށް އުންމީދެއް ހޯދައިދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި، ޕައުލޯ ގުއެރޭރޯ އެވެ. ދެ ވަނަ ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖެފާސަން ފާފަން އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އެޑިސަން ފްލޮރޭސް އެވެ.