ކުޅިވަރު

އެއް ވަނައިގައި ބްރެޒިލް ކްއާޓާއަށް، ދެވަނަ ވެނެޒުއޭލާ

ޕެރޫ ގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އަމިއްލަ ގައުމުގައި ބާއްވާ، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފި އެވެ. ބްރެޒިލްއިން ޕެރޫ ބަލި ކުރުމުން ބޮލީވިއާގެ މައްޗަށް 3-1 ން މޮޅުވި ވެނެޒުއޭލާ ވެސް ވަނީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ބްރެޒިލް ކުޅުނު މެޗުގައި، ވެނެޒުއޭލާ އަތުން އެއްވަރު ވުމުން، ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން އެ ޓީމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޕެރޫ އަތުން ތަފާތު ބޮޑުކޮށް މޮޅުވުމުން ސަޕޮޓަރުންގެ ފޯރި ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. ރޭ ކުޅުނު މެޗުގައި، ބްރެޒިލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކާލޯސް ކެސެމީރޯ އެވެ.

މެޗުގެ 12 ވަނަ މިނެޓްގައި، ބްރެޒިލްއަށް ލިބުނު ކޯނަރު ރޮބާޓޯ ފިރުމީނޯ ނެގުމުން، އެންމެ ފުރަތަމަ އެ ބޯޅަ ބޮލުން ފޮނުވާލީ މާކީނޯ އެވެ. އޭނާ ފޮނުވާލި ބޯޅަ ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސޭ ދިފާއު ކުރުމުން ރީބައުންސް ވެގެން ނިކުތް ބޯޅަ ގޯލް ކުރިމަތީގައި ހުރެ ކެސެމީރޯ ގޯލަށް ވައްދާލީ އެވެ.

އޭގެ ހަތް މިނެޓް ފަހުން، ބްރެޒިލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ފިރުމީނޯ އެވެ. ޕެރޫގެ ކީޕަރު ގަލޭސޭ ކުރިއަށް ނިކުމެއް ހުރުމުން، އޭނާގެ ބޯ މަތިން ފޮނުވާލަން ބްރެޒިލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ. އެ ބޯޅަ ލިބުނީ ބޯޅަ ހޯދަން ކުރިއަށް އަރައި ހުރި، ފިރުމީނޯ އަށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ހޯދައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ގަލޭސޭ ކައިރިންވެސް ނައްޓާލުމަށް ފަހު އެވެ.

ތިން ވަނަ ލަނޑު އެވަޓަން ކާމިޔާބު ކުރީ، ފިލިޕޭ ކްޓީނިއޯ ތަނަވަސް ކޮށްދިން ބޯޅަ އޭރިއާ ބޭރުގައި ހުރެފައި ގޯލްގެ ހަނި އޭންގަލުން ގޯލް ދަނޑި ކައިރިން ބޯޅަ ފޮނުވާލައިގެންނެވެ. ބްރެޒިލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ހަތަރު ވަނަ 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ކެޕްޓަން ޑެނީ އަލްވޭސް އެވެ.

ފަސް ވަނަ ލަނޑު، 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވިލިއަން އެވެ. ފިލިޕޭ ކުޓީނިއޯ ތަނަވަސް ކޮށްދިން ބޯޅަ ވިލިއަން ގޯލްގެ ތެރެއަށް ފޮނުވާލީ އޭރިއާ ރޮނގު މަތިންނެވެ. އެ ބޯޅަ ގޯލަށް ވަދެގެން ދިޔައިރު ޕެރޫގެ ކުޅުންތެރިންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ބްރެޒިލްއަށް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް ވެސް ލިބިގެން ގޮސްފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ގެބްރިއަލް ޖެސޫސް ފޮނުވާލުމުން ޕެރޫގެ ކީޕަރު ދިފާއު ކުރި އެވެ.

ވެނެޒުއޭލާ އާއި ބޮލީވިއާ ކުޅުނު މެޗުގައި، ވެނެޒުއޭލާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ޑާވިންސް މަކީސް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޖޯސެފް މާޓިނޭޒް އެވެ. ބޮލީވިއާގެ ލަނޑު ކާމިޔާބު ކުރީ ލިއޮނަލް ޖަސްޓިނިއާނޯ އެވެ.