ކުޅިވަރު

އިންގްލެންޑް-ސްކޮޓްލެންޑްގެ 115 ވަނަ ކުރިމަތިލުން

އިންގްލެންޑާއި ސްކޮޓްލެންޑް މިރޭ ޔޫރޯ 2020 ގައި ކުޅޭ މެޗު ވެގެން ދާނީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ.

މިއީ އެ ދެޓީމު ބައިނަލްއަގްވާމީ ގޮތުން ބައްދަލު ކުރާ 115 ވަނަ މެޗެވެ. އަނެއް ކޮޅުން މުބާރާތުގެ ދެވަނަ ބުރު ކަށަވަރު ކުރަން މި މެޗުން މޮޅުވުން އިންގްލެންޑަށް ވަރަށް މުހިންމެވެ. އަދި ސްކޮޓްލެންޑަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވެން އޮތީ މި މެޗުން މޮޅު ވެގެންނެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސެންޓާ ބެކް ހެރީ މަގުއައިރަށް ޓީމާއި ބައިވެރި ވެވުމެވެ. މުބާރާތުގެ ފުރަތަމަ މެޗު އޭނާއަށް ގެއްލިފައި ވަނީ މެއި މަހު އޭނާގެ ފައި ކުޑަހުޅުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

އަނެއްކޮޅުން ސްކޮޓްލެންޑަށް މި މެޗުގައި ލިބޭނެ އެންމެ ބޮޑު ހަމަޖެހުމަކީ އާސެނަލްގެ ޑިފެންޑަރު ކިއެރަން ޓިއެނީ އަށް މެޗުގައި ކުޅެވުމެެވެ. މިހާރު އޭނާ އަންނަނީ ޓީމުގެ ޓްރެއިނިން ތަކުގައި ވެސް ބައިވެރި ވަމުންނެވެ.

މި މެޗުން އިންްލެންޑް މޮޅުވެ، ކޮރޭޝިޔާއަށް ޗެކް ރިޕަބްލިކް ބަލި ނުކުރެވިއްޖެ ނަމަ އިންގްލެންޑަށް ދެވަނަ ބުރު ޔަގީން ވާނެ އެވެ. މިރޭ ޗެކް ރިޕަބްލިކާއި ކޮރޭޝިޔާ ބައްދަލު ކުރާ މެޗުން ޗެކް ރިޕަބްލިކަށް އެންމެ ޕޮއިންޓެއް ލިބުނަސް ސްކޮޓްލެންޑަށް ގްރޫޕުގެ އުހުން ދެވަނައިން ފުރުސަތު ގެއްލޭނެ އެވެ. ދެން އެޓީމަށް ދެވަނަ ބުރުގެ ފުރުސަތެއް އޮތީ ހުރިހާ ގްރޫޕެއްގެ ތިން ވަނައިގައި އޮންނަ ޓީމު ތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިއްޖެ ނަމަ އެވެ.

އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓްގެ ވިސްނުން ހުރީ މެޗަކަށްވުރެ މެޗެއް ޓީމުގެ ކުޅުން ރަނގަޅު ކުރާށެވެ.، އަދި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް މިއީ ވަރަށް މުހިންމު މެޗެއްކަމަށް ސައުތު ގޭޓު ފާހަގަ ކުރި އެވެ. އަދި އަމާޒަކީ މި މެޗުން ތިން ޕޮއިންޓު ހޯދުން ކަމަށްވެސް އޭނާ ބުންޏެވެ.

ގްރޫޕު ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ނެރެ، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމަކީ ޓީމުގެ އަމާޒު ކަމަށް ސްކޮޓްލެންޑުގެ ކޯޗު ސްޓީވް ކްލާކް ފާހަގަ ކުރި އެވެ. އެހެން ކަމުން އިންގްލެންޑާއި ކޮރޭޝިއާ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެ ތާރީހީ ދެވަނަ ބުރަކަށް ދާން މަސައްކަތް ކުރާނެ ކަމަށް ސްޓީވް ބުންޏެވެ. ސްކޮޓްލެންޑުގެ ފިރިހެން ޓީމު މިހާތަނަށް ޔޫރޯގެ ދެވަނަ ބުރަށް ގޮސްފައެއްނުވެ އެވެ.

މުބާރާތުގެ ތިންވަނަ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އިންގްލެންޑް ވަނީ ގްރޫޕު ޑީގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާ އަކުން ގްރޫޕުގެ ދެން އެންމެ ވަރުގަދަ ޓީމު ކޮރޭޝިއާ ބަލިކޮށްފަ އެވެ. އެހެންކަމުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ އިންގްލންޑް މޮޅުވުމުގެ ފުރުސަތު ވަރަށް ބޮދެވެ. ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން ބަލިވުމުން ސްކޮޓްލެންޑް ގަދަ 16 އަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މިހާތަނަށް މި ދެޓީމު ވަނީ 114 މެޗުގައި ބައްދަލު ކޮށްފައެވެ. އޭގެ ތެރެއިން 48 މެޗުން އިންގްލެންޑް މޮޅުވި އިރު، 41 މެޗުން މޮޅުވެފައި ވަނީ ސްކޮޓްލެންޑް އެވެ. އަދި 25 މެޗުން މި ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.