ކުޅިވަރު

އިންގްލެންޑް ނުތަނަވަސް ކަމެއްގެ ތެރެއަށް

ސްކޮޓްލެންޑާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން އިންގްލެންޑް ނުތަނަވަސް ކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ބާވީސް ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންގްލެންޑުންނެވެ. ނަމަވެސް ސްކޮޓްލެންޑުން ވަނީ އިންގްލެންޑުގެ ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލާފަ އެވެ.

ދެ ޓީމު ބައިނަލްއަގްވާމީ ގޮތުން ބައްދަލު ކުރި 115 ވަނަ މެޗުގައި ދެ ޓީމުންވެސް ނިކުތީ މޮޅުވާށެވެ. ގޯލު ޖެހުމަށް ރަނގަޅު ފުރުސަތު ތަކެއް ދެ ޓީމަށް ވެސް ލިބުނެވެެ. ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އެއް ޓީމަކަށްވެސް ހިފިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފު ފެށުނުތަނާ ސްކޮޓްލެންޑުގެ މައުންޓް ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. އަދި 61 ވަނަ މިނެޓުގައި އިންގްލެންޑުން ނެގި ކޯނަރު ކީޕަރަށް މަތަނުވެ ގޯލަށް އަމާޒުވި އެވެ. ނަމަވެސް ސްކޮޓްލެންޑުގެ ޑިފެންޑަރު ވަނީ އެ ބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތް ކޮށްފަ އެވެ.

މި ނަތީޖާ އާއި އެކު ގްރޫޕު ޑީގެ އެއްވަނައިގައި މިހާރު އޮތީ ޗެކް ރިޕަބްލިކެވެ. އިންގްލެންޑާއި ޗެކް ރިޕަބްލިކަށްވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފަ އެވެ. ޗެކް ރިޕަބްލިކް އެއް ވަނައިގައި އޮތީ ފައިދާ އެއް ގޯލުންނެވެ. މިރޭ ޗެކް ރިޕަބްލިކާއި ކުޅުނު މެޗުން އެއްވަރުވެ، ޗޮރޭޝިއާ އޮތީ އެއް ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ފިންލެންޑު ފުލުގައި އޮތީ ގޯލުގެ ތަފާތުންނެވެ.

އެހެން ކަމުން ދެވަނަ ބުރަށް ދިއުމަށްޓަކައި ގްރޫޕު އެއްވަނަ ޗެކް ރިޕަބްލިކާއި ކުޅޭ މެޗުން އިންގްލެންޑް މޮޅުވުން މުހިންމެވެ. އެ މެޗުން އިންގްލެންޑު ބަލިވެފައި، ކޮރޭޝިއާ ނުވަތަ ސްކޮޓްލެންޑް ބޮޑު ތަފާތަކުން މޮޅު ވެއްޖެ ނަމަ އިންގްލެންޑް ތިންވަނަ އަށް ވެއްޓޭނެ އެވެ.