އަޒަރުބައިޖާންގައި، ރަޝިއާ ސަރަހައްދީ އިންފާރާ ދުރު ނޫން ހިސާބެއްގައި، ތުރުކީން އަސްކަރީ މަރުކަޒެއް ބިނާ ކުރުން ވާނީ ރަޝިއާއަށް ނުތަނަވަސް ކަމަކަށް ކަމަށް ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނެފި އެވެ. ކްރެމްލިންގެ ތަރުޖަމާން ޑިމިތުރީ ޕެސްކޯފް ވިދާޅުވީ ތުރުކީއަކީ ނޭޓޯ ގައުމެއް ކަމަށާއި އަސްކަރީ މަރުކަޒު ވެސް ވާނީ ނޭޓޯގެ ބިނާއަކަށް ކަމަށެވެ.
ތުރުކީން އަސްކަރީ މަރުކަޒެއް އަޒަރުބައިޖާންގައި އަޅަން އުޅޭ ވާހަކަ ދެކެވޭ ކަމަށް ދެންނެވުމުން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ރަޝިއާއިން ދިފާއުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އެކަމާ މެދު ތަންކޮޅެއް ބޮޑަށް ވިސްނަވާނެ ކަަމަށެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއަށް މިވާހަކަ ދެންނެވުމުން ވިދާޅުވީ ނަމަނަމަ ވާހަކަ ތަކަކަށް ޖަވާބެއް ދެވެން ނެތް ކަމަށާއި އަސްކަރީ މަރުކަޒަކާ ބެހޭ ގޮތުން ތުރުކީން އަދި އެކައްޗެކޭ ވެސް ނުބުނާ ކަމަށެވެ.
ތުރުކީއާ ރަޝިއާއަކީ ވަރަށް ގާތް އެކުވެރި ދެ ގައުމެވެ. އެހެން ނަމަވެސް ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުންނަ ބައެއް މުއާމަލާތްތަކުގައި ފުށުއަރާ ފަހަރު ވެސް އާދެ އެވެ. ތުރުކީން ޔުކްރޭންނަށް ތާއީދު ކުރުމަކީ ވެސް ރަޝިއާއަށް ކަމުނުދާ ކަމެކެވެ. އެހެން ނަމަވެސް ތުރުކީން ޔުކްރޭންއަށް ސަޕޯޓް ކުރަނީ ތުރުކީގައި އުފައްދާ މުދާ ވިއްކުމުގެ ބޭނުމުގަ އެވެ. އޭގެ ތެރޭގައި އަސްކަރީ ފެންވަރުގެ - ހަނގުރާމަމަތީ ޑްރޯން ވެސް ހިމެނެ އެވެ.
ކޮވިޑާ ގުޅިގެން ރަޝިއާއާ ތުރުކީން ވައިގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ދަތުރުތައް އަލުން ފަށަން އޮތީ ހަމަޖައްސާފަ އެވެ. ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ރަޝިއާއިން ތުރުކީގެ ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމެވެ. މިކަމަށް އެއްބަސްވެ މަޝްވަރާ ކުރުމަށްޓަކައި ރަޝިއާގެ ވަފުދެއް ތުރުކީއަށް ވަނީ ދަތުރުކޮށްފަ އެވެ. ރަޝިއާ ޓޫރިސްޓުންގެ މެދުގައި ތުރުކީއަކީ ވަރަށް މަގުބޫލް މަންޒިލެކެވެ.