ދުނިޔެ

ތުރުކީ ޖަންގަލީގައި އަލިފާން ރޯވި ސަބަބު އިންޓެލިޖެންސުން ހޯދަނީ

ތުރުކީ ޖަންގަލީގެ އެކި ދިމަދިމާގައި އެއްފަހަރާ އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުންނާ ގުޅިފައި ހުރި އިންޓެލިޖެންސުން ހޯދަމުން އަންނަ ކަމަށް ރައީސް ރަޖަބް ތައްތިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އެމަނިކުފާން ވިދާޅުވީ އަލިފާން ނިއްވުމަށްޓަކައި ރަޝިއާ އާއި ޔުކްރޭން އަދި އަޒަރުބައިޖާނުން ވެސް އެހީތެރިވަމުން އަންނަ ކަމަށެވެ.

ތުރުކީ ޖަންގަލީގެ އެކި ތަންތަނުގައި މިހާރު އަނދަމުންދާ އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ރިސޯޓް ރަށެއް ކަމަށްވާ އަންތަލިޔާ ސަރަހައްދުގަ އެވެ. އެއީ މިދިއަ ހަފުތާގެ ބުދަދުވަހު އެވެ. މިހާދިސާގައި ތިން މީހަކު މަރުވެ އެތައް ބައެއްގެ ގެދޮރު އަނދައި ވަނީ ހުލިވެފަ އެވެ. ސަރުކާރަށް ޖެހުނީ އެ ސަރަހައްދުން މީހުން ދުރުކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރާށެވެ.

އުރުދުޣާން ނޫސްވެރިނަށް ވިދާޅުވި ގޮތުން ދިމާވެގެން އުޅެނީ ގައުމީ ކާރިސާއެކެވެ. އެމަނިކުފާން ވިދާޅުވީ އަލިފާން ނިންވުމުގެ މަސައްކަތުގައި 45 ހެލިކޮޕްޓަރު ބޭނުންކުރެވެމުން އަންނަ ކަމަށާއި ރަޝިއާ އާއި ޔުކްރޭނުން ހަމަތިންދާބޯޓް ވެސް ބޭނުންކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އަޒަރުބައިޖާނުން ފޮނުވާ އެއްގަމާއި ކަނޑުގައި ދުއްވާ މަތިންދާބޯޓް ވެސް ބޭނުންރާނެ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ޑްރޯން – އަންމޭންޑް އޭރިއަލް ވެހިކަލްތައް ވެސް ހުއްޓުމެއް ނެތި 24 ގަޑިއިރު ބޭނުންކުރެވެމުން އަންނަ ކަމަށާއި އެއްފަހަރާ އެހާ ގިނަ ސަރަހައްދުގައި ރޯވެފައި ވާތީ ބަޔަކު ދިން ހަމަލާއެއް ކަމަށް ޝައްކުވެ ވަޑައިގަންނަ ކަމަށެވެ.

އަލިފާން ނިންވުމުގެ ބޭނުންތަކުގައި 1،080 ފެން ލޮރީ އާއި 280 ފެން ޓޭންކަރާއި 2،270 ރެސްޕޮންޑާ ވެހިކަލްތައް ބޭނުންކުރެވެމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުން 10،550 ފަޔާފައިޓަރުންނައި 4،110 ޓެކްނިކަލް މުވައްޒަފުން އަދި 6،440 ޖަންގަލި ބަލަހައްޓާ މީހުން މަސައްކަތްތަކުގައި ޝާމިލްވާ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ހާލުގައި ޖެހި އަނިޔާ ލިބުނު މީހުންނާއި އާއިލާތައް ދޫކޮށްނުލައްވާނެ ކަމަށާއި ސަރުކާރު އޮތީ އެމީހުންނާއެކު ކަމަށެވެ. އެމަނިިކުފާން ވިދާޅުވީ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ގެދޮރު ބިނާކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަލިފާން ރޯވެފައި ވަނީ ވަރަށް ބޮޑަށް ޝައްކުކުރެވޭ ގޮތަކަށް ކަމަށާއި ސަބަބު ހޯދަން ކުރާ މަސައްކަތްތައް ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާނުލެއްވުމަށް ފުލުހުންނަށް ދަންނަވާފައި ވާނެ ކަމަށެވެ.