ބޮލީވުޑް

ސިފައަށް ހިތްހަމަނުޖެހި ބޭރަށް ނުދާން އުޅުނިން: ވިދްޔާ

ވިދްޔާ ބާލަންގެ އާ ފިލްމު "ޝޭރްނީ" މިހާރު އެމެޒޯން ޕްރައިމް ވީޑިއޯއިން ދަނީ ސްކްރީން ކުރަމުންނެވެ. "ނިއުޓަން" ގެ ޑައިރެކްޓަރު އަމިތު މަސުރްކަރް އުފެއްދި "ޝޭރްނީ" ގައި ވިދްޔާ ކުޅެފައިވަނީ ފޮރެސްޓް އޮފިސަރެއްގެ ރޯލެވެ. ވަލު ޖަނަވާރުންގެ މައްޗަށް އޭނާގެ ބާރު ދައްކާލާ މޮޅު ގޮތްގޮތް މި ފިލްމުން ވިދްޔާ ވަނީ ދައްކާލާފަ އެވެ.

ދާދިފަހުން އޮތް "ޝޭރްނީ"ގެ ޕްރޮމޯޝަން އިންޓަވިއު އެއްގައި ވިދްޔާ ވަނީ ހަޔާތުގައި ދިމާވި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކިޔައިދިފަ އެވެ. އެގޮތުން އޭނާ ފަލަކަމާއި ސިފަޔަށް މީހުން މަލާމަތް ކުރާ ވަރުން ގެއިން ބޭރަށް ނުކުންނަން ބިރުން ހުރި ދުވަސްތަކެއް ވެސް ދިޔަ ކަމަށް ވިދްޔާ ބުންޏެވެ.

"އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުކުނަން ނުކެރިގެން އަހަރެން އެތައް ފަހަރަކު އުޅެފައި ހުންނާނެ. ބޭރަށް ނުކުންނަން އުޅޭއިރަށް ހިތަށް އަރާނެ މީހުން ޖަޖް ކުރާނޭ. ކިޔާނޭ ހާދަ ފަލައޭ ހާދަ ހުތުރޭ. އެހެންވެ ބޭރަށް ނުކުތަސް ހުންނަނީ މީހަކު ބުނެފާނެ އެއްޗަކަށް ހާސްވެ ހިތް ނުތަނަވަސްވެފައި. އެހެންވެ ކިތަންމެ ރީތި ހެދުމެއް އެޅިޔަސް އަހަރެންގެ ހާސްކަމުގެ ސަބަބުން ހީވަނީ މީހުންނަށް އަހަރެން ފެންނާނީ ވަރަށް ހުތުރުކޮށޭ،" ވިދްޔާ ބުންޏެވެ.

ވިދްޔާ ބުނި ގޮތުގައި ބައެއް ދުވަސް ދުވަހު ފެޝަނުގެ ރޮނގުން އެންމެ ފުރިހަމަ މީހާއަށް ވާން އޭނާ ވަރަށް މަސައްކަތް ކުރެ އެވެ.

"ސްޓައިލިސްޓު ބުނާނެ ވަރަށް ރީއްޗޭ. އެކަމަކު ބޭރަށް ނުކުންނައިރަށް ކޮންމެވެސް މީހަކު ފާޑެއް ނުކިޔާ ފަހަރެއް މަދުވާނެ،
ވިދްޔާ ބުންޏެވެ.

ވިދްޔާ، 42، ބުނީ ބޭރަށް ނުކުންނަން ނުކެރިގެން ހިތް ނުތަނަވަސްވާތީ މިހާރު ކަމާ ބެހޭ ޕްރޮފެޝަނަލް މީހެއްގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށެވެ. އަދި އޭނާގެ އެހީގައި އަމިއްލަ ހަށިގަނޑު އުފެދިފައިވާ ގޮތް ގަބޫލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަހަންނަށް މިހާރު ގަބޫލުކުރެވެނީ ހުރިހާ އެންމެންގެ ހިތްހަމަޖައްސައި ނުދެވޭނެކަން. ކިތަންމެ ފުރިހަމައަކަށް ހުއްޓަސް ފާޑުކިޔާ މީހުންގެ އަނގަ ބަންދު ނުކުރެވޭނެކަން. ނަމަވެސް ތިމާއަށް ތިމާގެ ހަށިގަނޑާ ދޭތެރޭ ހިތްހަމަޖެހި އެ ހަށިގަނޑު ގަބޫލު ކުރެވިއްޖެނަމަ އެހެން މީހަކު ބުނެފާނެ އެއްޗަކަށް މާ ބޮޑަކަށް އަޅައެއް ނުލާނެ،" ވިދްޔާ ބުންޏެވެ.