އަމިއްލަ ހަށިގަނޑު ފަލަވެގެން އެ ހަށިގަނޑަށް ނަފްރަތު ކުރެވުނު ދުވަސްވަރެއް ވެސް ދިޔަ ކަމަށް ބަތަލާ ވިދްޔާ ބާލަން ބުނެފި އެވެ. ވިދްޔާ ބުނީ އޭނާގެ ހަށިގަނޑަށް ނަފްރަތު ކުރެވެން ފެށީ އެއީ 'ގައުމީ މައްސަލަ'އަކަށް ވެގެން އެންމެން އެ ވާހަކަ ދައްކަން ފެށީމަ ކަމަށެވެ. އަދި އަމިއްލަ ހަށިގަނޑު އެ ހުރި ސިފައިގައި ގަބޫލުކުރަން ދުވަސްތަކެއް ނެގި ކަމަށް ވެސް ވިދްޔާ ބުންޏެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ވިދްޔާ ބުނީ މީހުން ކުރާ މަލާމާތާއި ދައްކާ ވާހަކަތަކަށް މިހާރު ހޭނިއްޖެކަމަށާއި އޭނާ ފަލަކަމުން ނުވަތަ އެނޫންވެސް ސިފައެއް ހުރެގެން ކޮންމެ ވާހަކައެއް ދެއްކިޔަސް މިހާރު އެކަމާ ކަންބޮޑު ނުވާ ކަމަށެވެ.
"އިސްތަށިގަނޑު ހުންނަ ގޮތުން، ގައިގެ ބައްޓަން ހުންނަ ގޮތުން، ވަކި ތަންތަނެއްގައި މާ ގިނައިން މަސް ޖަހާފައިހުރުމުން މީހުން ކިޔާ އެއްޗިއްސަށް މިހާރު ހޭނިއްޖެ. އެ ވާހަކަ ދެއްކިޔަސް މިހާރު އެކައްޗެކޭ ވެސް ހިތަކަށް ނާރާ،" ވިދްޔާ ބުންޏެވެ.
ވިދްޔާ ބުނި ގޮތުގައި އޭނާގެ އާއިލާއަކީ ފިލްމުތަކާ އެއްވެސް ގުޅުމެއް ހުރި އާއިލާއެއް ނޫނެވެ. އެހެންވެ ފިލްމު ކުޅެން ފެށުމުން މިފަދަ ކަންކަން ދިމާވާނެ ކަމަކަށް އެއްވެސް މީހަކު އޭނާއަށް ބުނެދީފައެއް ނެތެވެ. އެހާ ބޮޑަށް އެކަމާ ކަންބޮޑުވެ ފިކުރު ބޮޑުވީ އެހެންވެ އެވެ.
"އަހަރެންގެ ހަށީގަނޑުގެ ބަރުދަން ބޮޑު ގައުމީ މައްސަލައަކަށްވި. އަހަރެންނަކީ އަބަދުވެސް ފަލަކޮށް ހުންނަ މީހެއް. ދެން ދޭތެރެއަކުން ކުޑަކޮށް ހިކިލާފަ ފަލަވެލާފަ އެކަހަލަ ގޮތަކަށް އަބަދުވެސް ބަރުދަން ހުންނަނީ. އަހަރެންނަކީ ހޯމޯން މައްސަލަތަކެއް ހުންނަ މީހެއް. އެހެންވެ އެހާ ފަސޭހައިން ފަލަވަނީ. މީހުން މަލާމާތްކުރާވަރުން އަމިއްލަ ހަށިގަނޑު ދެކެ ނަފްރަތުކުރެވި ރުޅި އާދެވުނު. ނަމަވެސް މިހާރު ހަށިގަނޑު އެ ހުރި ސިފައިގައި ގަބޫލުކޮށް މީހުން ދައްކާ ވާހަކައާ އަޅާ ނުލަން ދަސްކޮށްފިން،" ވިދްޔާ ބުންޏެވެ.
ވިދްޔާގެ ފިލްމީ ކެރިއަރަށް ބަލާއިރު އެންމެ ފަހުން އޭނާ ކުޅެފައިވަނީ "ޝަކުންތަލާ ދޭވީ" އެވެ. އަދި މިހާރު ކުޅެމުންދަނީ "ޝޭރްނީ" ކިޔާ ފިލްމެކެވެ.
މިހާރު 42 އަހަރު ފުރިފައިވާ ވިދްޔާ ކައިވެނިކޮށްގެން އުޅެނީ ޕްރޮޑިއުސަރު ސިދާރްތު ރޯއި ކަޕޫރު އާއެވެ.