ކޮވިޑް-19 އިގެ ބަލިމަޑުކަމާ ހެދި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭތީ އިންޑިޔާގެ ފަގީރު ހިސާބުގަނޑުގައި އުޅޭ ކުދިންނަށް ކިޔެވުމަށް ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިވެ އެވެ. އެ ގައުމުގެ ކަރްނާޓަކާގެ މެންގަލޫރޫގައި ދިރިއުޅޭ މި އާއިލާއަށް ވެސް މި މައްސަލަ ވަރަށް ބޮޑެވެ. ގޭތެރޭގައި ތިބޭއިރު ރަނގަޅަށް އިންޓަނެޓު ސިގްނަލް ނުލިބޭތީ ކިޔަވާ ކުދިންނަށް ޖެހެނީ ދުރު ހިސާބުތަކަށް ގޮސްގެން ރަނގަޅަށް ސިގްނަލް ލިބޭ ތަނެއް ހޯދާށެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވީ އެއް ފޮޓޯއަކީ މިގޮތަށް ރަނގަޅަށް ސިގްނަލް ލިބޭ ހިސާބަކަށް ގޮސް އޮންލައިން ކްލާހަކަށް ވަދެ އިން ކުއްޖެއްގެ ފޮޓޯއެކެވެ. ކުއްޖާ އިނި ބޮޑު މަގެއްގެ އެއްފަރާތުގައި ރާނާފައި ހުރި ގާފޮޅެއްގެ މަތީގައި ފޯނުން އޮންލައިން ކުލާހަށް ވަދެ އެވެ. އެ ވަގުތަކީ ވާރޭ ވެހޭ ވަގުތެއް ކަމުން ކުޑައެއް ނަގައިގެން ދަރިފުޅު ވާރޭ ހިޔާކޮށްދީގެން އޭނާގެ ބައްޕަ ހުއްޓާ މި ފޮޓޯގައި ފެނެ އެވެ.
މިއީ ހަމައެކަނި މި އަންހެންކުއްޖާ އުޅޭ ހާލެއް ނޫނެވެ. ދަކްޝީނާ ކަންނާޑާ ކިޔާ ރަށްފުށުގެ މި ހިސާބުގައި ދިރިއުޅޭ ހުރިހާ ކުދިން ވެސް އިންޓަނެޓަށް ވަންނަން އުޅެނީ މި ހާލުގަ އެވެ. ބައެއް ކުދިން ކައިރީގައި ހުންނަ އުސް ފަރުބަދަތަކުގެ މައްޗަށް އަރާ ތިބޭއިރު އަނެއްބައި ކުދިން ގަސްގަހުގެ ކުރިޔަށް އަރާ ވެސް އޮންލައިން ކްލާސްތަކަށް ވަދެ ތިބެ އެވެ. އަނެއްބައި ކުދިން ލާރި އެއްކޮށްގެން އިންޓަނެޓު ރަނގަޅަށް ލިބޭ ހިސާބެއްގައި ޓެންޓެއް ޖަހައިގެން އެތަނުގައި ހުރިހާ ކުދިން ކިޔަވަން ތިބެ އެވެ.
މިހާރު ވައިރަލް ވެގެން އުޅޭ ފޮޓޯ ނަގާފައި ވަނީ އެހިސާބުގަނޑުގައި ދިރިއުޅޭ ނޫސްވެރިއެކެވެ. އޭނާ ބުނެފައިވާ ގޮތުގައި މި އަންހެންކުއްޖާ އަކީ ބޮޑު އިމްތިހާތަނަކަށް ތައްޔާރުވަމުން ދާ ކުއްޖެކެވެ. އެހެންވެ އޭނާގެ ބައްޕަ ނާރާޔަނާ ކޮންމެ ދުވަހަކު ވެސް އޭނާ ގޮވައިގެން އެތަނަށް އައިސް އެތައް އިރެއް ވަންދެން ދަރިފުޅު ކިޔަވާ ނިމޭއިރެއް ވަންދެން އެތާ މަޑުކޮށްގެން ހުރެ އެވެ. އެ ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ވާރޭ ވޭތީ ދަރިފުޅު ނުތެންމަން ބައްޕަ ކުޑަ ނަގައިގެން ހުރީ އެވެ. މިއީ ދަރިންނަށް ތައުލީމު ހޯދައިދޭން މީހުން ކުރާ ބުރަ މަސައްކަތް ވެސް ހާމަވާ ފޮޓޮއެއް ކަމަށް އެ ނޫސްވެރިޔާ ބުނެފައި ވެއެވެ.