ޕާލިމެންޓް އިންކުއަރީ

މަޖިލިސް އިންކުއަރީއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އިންކުއަރީއާ ގުޅޭ ހުރިހާ ބައްދަލުވުމެއް ވެސް ކޮމިޓީގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެން ކަމަށްވާތީ މިނިސްޓަރު އިމްރާނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވެސް ކަން ހިނގާދިޔަ ގޮތެއް އެނގިފައެއް ނުވެ އެވެ.

މަޖިލީހުގެ އިންކުއަރީ އަށް މީގެކުރިން ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ވެސް ހާޒިރުކޮށްފަ އެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ އިސް ވެރިން ވެސް މީގެ ކުރިން އިންކުއަރީ އަށް ހާޒިރުކޮށްފައިވެ އެވެ.

މީގެއިތުރުން އެމްއެމްއޭގެ ގަަވަރުނަރު އަލީ ހާޝިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ރައީސް ނަޝީދުގެ ހަށިވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާ ސިފައިންގެ އެސްޕީޖީގައި ހިމެނޭ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އަދި މިހާތަނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ "މޭ 6" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.