ޑރ. އަބްދުﷲ މައުސޫމް

ހޯމްސްޓޭގެ މައްސަލާގައި މައުސޫމްގެ ރައްދު ގޭމަށް

މެލޭޝިއާ ފަދަ މުސްލިމް ގައުމުތަކުގައި ވެސް "ހޯމްސްޓޭ" ޓޫރިޒަމް ކާމިޔާބު ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އަށް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު މައުސޫމް، ގޭމް އަށް ރައްދު ދެއްވާފައިވަނީ ގޭގެ ކޮޓަރިތަކުގައި ޓޫރިސްޓުން ބައިތިއްބަން ހަދާ "ހޯމްސްޓޭ" ޓޫރިޒަމްގެ ސަބަބުން ޓޫރިސްޓުންނާއި ގޭބިސީތަކުގެ ސަލާމަތަށް ގިނަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ގޭމްގެ ކަންބޮޑުވުންތައް ބަޔާނެއްގެ ގޮތުގައި ހާމަކުރުމާ ގުޅިގެންނެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މުސްލިމުން ގިނަ، އާދަކާދަ ފިސާރި ގައުމެއްގެ ގޮތުގައި އޮތް މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމަށެވެ.

"ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް [ގެސްޓްހައުސްތަކަށް] އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާ ލިބޭނެ. މުހިއްމީ ހަރުދަނާ ތަންފީޒު ކުރެވޭ ގަވާއިދުތަކާ އެކީގައި ކަންކުރުން،" އެމްޑީޕީން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ސިޔާސަތުގެ ދިފާއުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ގޭމްގެ ބަޔާނުގައި ބުނެފައިވަނީ ހޯމްސްޓޭ އަކީ ދުނިޔޭގައި ފުޅާވަމުންދާ ޓޫރިޒަމެއް ކަމަށާ، އަދި އެ ޓޫރިޒަމަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތު ދެކޭ ކަމަށެވެ. ނަމަވެސް ހޯމްސްޓޭ ތައާރަފް ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ ޖަމިއްޔާ އިން ވަނީ ސުވާލު އުފައްދާފަ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ބުނީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކެޓަރީގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެ ވިޔަފާރި ކަމަށްވާ ގެސްޓްހައުސް ސިނާއަތް ތަމްސީލް ކުރާ ގޭމް އިން ބުނީ ރާއްޖެ އަކީ އެއް ގެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށެވެ. އެހެންކަމުން ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮން ޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެ އެވެ.

"މި މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ އެވެ،" ގޭމްގެ ބަޔާނުގައިވެ އެވެ.