ހިސާން ބިލު

ހިސާން ބިލާ އެއްކޮޅަށް ޕެޓިޝަނެއް

އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

"ހަސަން ކުރުސީ" ކިޔާ މީހަކު ފެށީ މި ޕެޓިޝަނުގައި މިހާތަނަށް 341 މީހަކު ވަނީ ސޮއިކޮށްފަ އެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ބޭނުމަކީ މީހުންނަށް ލާދީނީ އަދި ކާފަރަށް ގޮވުން ހުއްޓުވުން ކަމަށެވެ. އެގޮތަށް މީހުން ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭއޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މި ޕެޓިޝަން ޓްވީޓް ކުރެއްވުމަށްފަހު ނަފްރަތު އުފެެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް މި ޕެޓިޝަނުގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

ނަފްރަތު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

"ހިސާން ބިލު"ގެ ނަމުން މަޝްހޫރުވެފައިވާ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ

މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާ ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ހިސާންގެ މި އިސްލާހާ މެދު އަދި ބައެއް މާއްދާތަކުގައި ބޭނުން ކޮށްފައިވާ އިބާރާތާއި، ބައެއް މާއްދާތައް ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ފުޅާކޮށް އޮތުމަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާ މެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ބިލް މަޖިލީހުން ބޭރުކުރުމަށް ބާރު އެޅުމަށްޓަކައި 101 އިލްމުވެރިޔަކު ސޮއި ކުރައްވާ، މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.