ރައްޔިތުންގެ މަޖިލިސް

މަޖިލިސް ތަޅު ނައްޓަން ބޮޑެތި އިސްލާހުތަކެއް

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވާތީ އެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން މަޖިލީހުގެ ގަވައިދަށް ހުށަހަޅައިފި އެވެ.

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމާއި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން ކޮމިޓީތައް އެކުލަވާލަންޖެހިފައިވުމުންނެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލާން ޖެހިފައިވުމަކީ ވެސް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.

ކޮމިޓީތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ޖެހިގެން އުޅެނީ އާންމު ކޮމިޓީގެ މައްސަލަ އެވެ. އާންމު ކޮމިޓީ އަކީ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބަހުސްގެ ވަގުތު ކަނޑައަޅާ ކޮމިޓީ އެވެ. އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި އާންމު ކޮމިޓީ އަލުން އެކުލަވާ ނުލައި ބަހުސްގެ ވަގުތު ކަނޑައެޅޭނެ ގޮތެއް ނޯންނާނެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓުނީ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު މި ދެ ބޭފުޅުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގެންނެވި ހިސާބުންނެވެ.

މަޖިލިސް ހުއްޓުވާފައި އޮތް މައްސަލަ ހައްލުކުރަން މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ. އޭނާގެ އިސްލާހުތަކަށް ތާއީދުކޮށްފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ. ޖުމްލަ ފަސް އިސްލާހެއް ހުށަހަޅުއްވާފައިވެ އެވެ.

އަމީން އާންމަށް މުހިއްމު ބާރެއް ދެނީ

އަސްލަމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެތަނުން އެއްވެސް ބޭފުޅަކު ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެންފިނަމަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކުރިން ކަނޑައަޅައި އިއުލާންކޮށްފައިވާ ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކަނޑައެޅުއްވުމުގެ ބާރު އަމީން އާންމަށް ދިނުމަށް ގަވައިދަށް ހުށަަހަޅާ އިސްލާހުގައިވެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސްގައި މެންބަރުން ވާހަކަދައްކާނެ ވަގުތު ކަނޑައެޅުމުގެ ބާރު ވެސް އިސްލާހުތަކުގައި ވަނީ އަމީން އާންމަށް ދީފަ އެވެ. އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ ދިފާއުގައި ވާހަކަދައްކަވަން އެ ބޭފުޅަކަށް 30 މިނެޓް ލިބިވަޑައިގަންނަވާނެ އެވެ. އަދި އެ ވަގުތު ބޭނުންކުރާނެ ގޮތް އިހްތިޔާރުކުރުމުގެ ހައްގު އެ ބޭފުޅަކަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހު ތަކުގެ ތެރޭގައި ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުރުން މަޖިލީހުގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ފަސް މެންބަރުން ނެގުމަށްފަހު އެ ފަސް މެންބަރުން ތަރުތީބު ކުރަންވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލިސް ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި މަޖިލިސް ބަލަހައްޓާނެ އިތުރު ފަސް މެންބަރުން ތިއްބަވަންޖެހެ އެވެ. މި ފަސް މެންބަރުން ކަނޑައަޅަންޖެހެނީ މަޖިލީހުގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެންބަރުންނާއި އެ މެންބަރުންގެ އުމުރަށް ބަލައިގެންނެވެ.

މަޖިލިސް ރިޔާސަތު ބަލަން ނަގާ ފަސް ބޭފުޅުން ތަރުތީބު ކުރަންޖެހޭ ގޮތަށް ގަވައިދަށް އިސްލާހު ހުށަހަޅާފައި މިވަނީ ނަޝީދާއި އީވާ އަށް ފަހު މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ އަމަލުތަކާ މެދު އެމްޑީޕީގެ މެންބަރުންނަށް ޝައްކުތަކެއް ހުރުމުން ކަމަށް ބެލެވެ އެެވެ. ސަބަބަކީ އަފީފަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ އަދި އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން އުފައްދަވަން އުޅުއްވާ ޕާޓީ -- ދަ ޑިމޮކްރެޓްސްގެ މެންބަރަކަށް ވާތީ އެވެ.

ރިޔާސަތު ބަލަން ނަގާ ފަސް މެންބަރުން ތަރުތީބު ކުރުމަށްފަހު އެއްވެސް ބަދަލެއް އެ ލިސްޓަށް އަންނަ ނަމަ އެ ބަދަލެއް އިއުލާންކުރަންވެސް އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.