ހިސާން ބިލު

"ހިސާން ބިލު" ން ގައުމު އިތުރަށް ފަސާދަ ވާނެ: އިދިކޮޅު

Jul 8, 2021
7

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލްގެ ސަބަބުން ގައުމު އިތުރަށް ފަސާދަވެގެން ދާނެ ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ ހިސާން ބިލް ޖުޑިޝަރީ ކޮމިޓީގައި ދިރާސާކޮށް ނިންމާލުމަށްފަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވާފައި ވަނިކޮށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށް ވެފައި ދިވެހި ގައުމުގެ އެންމެ މަތިވެރި ރައުސުލްމާލަކީ މާތްވެގެންވާ އިސްލާމް ދީނާއި، އިސްލާމީ ވަހްދަތާއި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އިތުރުން އިސްލާމީ ރިވެތި ސިފަތައް ކަމަށެވެ.

"ކަންމިހެން އޮތްއިރު ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ކުށް ކަނޑައަޅާ ބިލަކީ ދިވެހިރާއްޖޭގެ މި އިސްލާމީ މުޖުތަމައާއި އެންމެ އެކަށޭނަ ބިލެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ހިސާން ބިލުގެ ސަބަބުން މުޖުތަމައު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި އިތުރަށް ނަފްރަތު އުފެދި، ގައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިސާން ބިލްގެ ސަބަބުން ބަޔަކަށް ހިތްވަރު ލިބިގެންދާ ކަމަށާއި އެއް އުއްމަތެއްގެ ގޮތުގައި މިއޮތް ދިވެހި ގައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މިކޯލިޝަނުން ދެކޭ ގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވައިދު ނެތިގެނެއް ނޫނެވެ. ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ."

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަބަދުވެސް ވަކާލާތުކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށް ކޯލިޝަނުން ބުނެ އެވެ. މީގެއިތުރުން ދިވެހިން އުއްމީދު ކުރާ ފަދަ ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށާއި ދިވެހިން ދެކެން ބޭނުންވާ އުފާވެރި މާދަމާއަށް ވާސިލްކޮށްދިނުމުގެ އަމާޒުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ދީފަ އެވެ. އެހެންވެ ދިވެހި ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން އިސްކުރުމަށްވެސް ގޮވާލާފައިވެ އެވެ.