ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އިނގިރޭސި ވިލާތަށް އުފަން ޓޯނީ ޑިލަރޫކް ނުވަތަ "މޯލްޑިވް ލޭޑީ" މަރުވެއްޖެ އެވެ.
ޓޯނީ ފަތުރުވެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރީ 1980 ވަނަ އަހަރު އެވެ. ފުރަތަމަ ދަތުރުން ފެށިގެން އޭނާގެ ހިތް ރާއްޖެއަށް ދެވުނެވެ.
ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން އޭނާ އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރީ ފިރިމީހާ އާއި މައްސަލަތަކެއް ޖެހުމުން އެކަމުގައި ދިމާވި އުދަގޫތަކުން އެއް ފަރާތްވެ ހިތްހަމަޖައްސާލުމަށެވެ.
ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތަށްފަހު އެނބުރި ގައުމަށް ގޮސް، އިނގިރޭސިވިލާތުގެ އަންހެނުންގެ ސްކޫލްތަކުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާކޮށް ރާއްޖެއާ މެދު މީހުން ޝައުގުވެރިކުރުވުމުގެ މަސައްކަތް އޭނާ ކުރައްވާފައިވެ އެވެ.
ޓޯނީ މަރުވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވަނީ އެކަމާ ހިތާމަކުރައްވާ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.
ރައީސް މައުމޫންގެ ޓްވީޓިގައި މުޅި ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓޯނީ ކުރެއްވި އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ޓޯނީ ކޮށްދެއްވާފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބައެއް ރޭޑިއޯ ސްޓޭޝަންތަކުން ފޮނުވާ ޕްރޮގްރާމްތަކުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެކިއެކި މަޖައްލާތަކުގައި ރާއްޖެއާ މެދު މީހުން ޝައުގުވެރިވާ ކަހަލަ މަޒުމޫނުތައް ލިޔުއްވާ ޝާއިއު ކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގެ އެކި ޖަމާއަތްތަކުން އިންތިޒާމު ކުރި ބައްދަލުވުންތަކުގައި ރާއްޖެއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމުގެ މަސައްކަތްތަކާއި، ރާއްޖެއަށް ފަތުރުވެރިން ފޮނުވުމަށްޓަކައި "މޯލްޑިވްސް ޓްރެވަލް"ގެ ނަމުގައި ކުންފުންޏެއް ވެސް އުފެއްދެވި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓެޓިވްގެ މަގާމު ވެސް 1990ގެ އަހަރުތަކުގެ ތެރޭގައި ޓޯނީ އަދާކުރައްވާފައިވެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޓޯނީ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 1997 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ހަނދާނީ ލިޔުމެއްވެސް ދީފަ އެވެ. އަދި 2005 ވަނަ އަހަރު ރައީސް މައުމޫނު ވަނީ ސަރުކާރުންދޭ ހާއްސަ އިނާމު ވެސް ޓޯނީއަށް ދެއްވާފަ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ޓޯނީ ވަނީ 41 އަހަރު ހިދުމަތް ކުރައްވާފަ އެވެ.