ޕާލިމެންޓް އިންކުއަރީ

241 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް

Jun 19, 2021
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންފި އެވެ.

ސިފައިންގެ މަރުކަޒަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 24 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަަށް ވަޑައިގެންނެވި ނަމަވެސް މެންބަރުންގެ މި ޒިޔާރަތާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ 241 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތީ އިންކުއަރީގެ ބޭނުމެއްގައި ކަމަށެވެ. ނަމަވެސް އިންކުއަރީ އަދި ނިމިފައި ނުވާތީ މިވަގުތު އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެެވެ.

މަޖިލީހުގެ އިންކުއަރީގައި ބަލަމުން ދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން އިހްމާލުވެފައި ހުރި ގޮތްތަކެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން މިއަދު ހަވީރު ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންނެވުމުގެ ކުރިން ސިފައިންގެ އެންމެ އިސްވެރިން ވަނީ މަޖިލީހުގެ އިންކުއަރީ އަށް މީގެކުރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައެއް ނުވެ އެވެ. އެކަމަކު މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އިންކުއަރީއާ ގުޅޭ ހުރިހާ ބައްދަލުވުމެއް ވެސް ކޮމިޓީގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެން ކަމަށްވާތީ މިނިސްޓަރު އިމްރާނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވެސް ކަން ހިނގާދިޔަ ގޮތެއް އެނގިފައެއް ނުވެ އެވެ.

މީގެއިތުރުން އެމްއެމްއޭގެ ގަަވަރުނަރު އަލީ ހާޝިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާ ސިފައިންގެ އެސްޕީޖީގައި ހިމެނޭ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އަދި މިމަހުގެ ނިޔަލަށް އިންކުއަރީ ނިންމުމަށްފަހު ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ "މޭ 6" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.