މުހައްމަދު އަސްލަމް

ގަޑިއަކު އެއްހާސް ކިއުބިކް މީޓަރުގެ ފެން އަމީނީ މަގުން ބޭރުވާނެ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން އެމަގުން ގަޑިއަކު 1،000 ކިއުބިކް މީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އަމީނީ މަގުގައި މިވަގުތު ހުރީ ހަތަރު ޕަމްޕް ސްޓޭޝަން ކަމަށެވެ. ނަމަވެސް އަމީނީ މަގު ހަދާ ނިމުމުން ފަސް ޕަމްޕް ސްޓޭޝަން ހުންނާނެ ކަމަށެވެ.

"މިހާރު ހުރި ޕަމްޕް ސްޓޭޝަން ތަކުގެ ކެޕޭސިޓީއަކީ ކޮންމެ ޕަމްޕެއްގައި ނުވަ ކިލޯ ވޮޓް. އަލަށް މިކަން ނިމިގެން ދާއިރު ހުރިހާ ޕަމްޕް ސްޓޭޝަންތަކެއްގައި ހުރި ހުރިހާ ޕަމްޕެއް، އެއީ އިތުރު އެއް ޕަމްޕް ސްޓޭޝަނާ އެކީގައި 21 ކިލޯވޮޓަށް އެ ޕަމްޕް ސްޓޭޝަންތަކުގެ ޕަމްޕިން ކެޕޭސިޓީ ބޮޑު ކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފެން ޕަމްޕް ތަކާއި ބެހޭ ތަފްސީލުތައް ހިމަނާފައި ނުވާތީ، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓުގައި އީއައިއޭ ކޮންސަލްޓެންޓް ވަނީ އެކަން ބެލުމަށް ލަފާ ދީފައި ކަމަށެވެ.

އީއައިއޭ ކޮންސަލްޓެންޓްގެ ލަފަޔާއި އެއްގޮތަށް މިހާރު މަސައްކަތްތައްދާ ކަމަށް ގަބޫލުކުރެވޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހަސަން ލަތީފް ވަނީ ފެން ޕަމްޕްތަކުގެ އަދަދާއި މެދު އަސްލަމްއާއި ސުވާލު ކުރައްވާފަ އެވެ. ހަސަން ލަތީފް ވިދާޅުވީ ޑިޒައިން ރިޕޯޓްތަކުގައި ހަތް ޕަމްޕް ސްޓޭޝަން ހުންނަ ކަމަށާއި ނަމަވެސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިއްޔެ ކުރި އިޝްތިހާރެއްގައި ފެންނަނީ އެންމެ ފަސް ޕަމްޕް ސްޓޭޝަން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އަމީނީ މަގުގައި ހުންނާނީ ފަސް ޕަމްޕް ސްޓޭޝަން ކަމަށެވެ. ފަސް ޕަމްޕް ސްޓޭޝަނުން ވާނެ ކަމަށް އިންޖިނިއަރުން ލަފާ ދެއްވާ ކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ.