މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އަމީނީ މަގު ސެޕްޓެމްބަރު 27ގައި ނިމޭނެ: އަސްލަމް

މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހުންނަ ގަސްތައް ކަނޑަނީ ސަރުކާރުގެ ސިޔާސަތެއްގެ ދަށަކުން ނޫން ކަމަށާއި އެއީ "ޕްރެކްޓިކަލް" ސަބަބުތަކަކާ ހުރެ ކަނޑާ ގަސްތަކެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަމީނީ މަގުގައި ހުރީ ވަރަށް ބޮޑެތި އޮފިއެލޭ ގަސްތަކެއް ކަމުން އެ ގަސްތަކުގެ މޫތަކުގެ ސަބަބުން ހޮޅިވަޅުލުމާއި ކާނުތައް ހެދުން ފަދަ ކަންކަމަށް އުނދަގޫވާ ކަމަށެވެ. އަދި ގަސްތައް ކެނޑި ނަމަވެސް މަގުގެ ޑިޒައިނުގައި އަލުން ގަސް އިންދުމަށް ހާއްސަ ޖާގައެއް ކޮންމެ 25 މީޓަރަކުން ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތެއްގެ ދަށަކުންނެއް ނޫން ޕްރެކްޓިކަލް ރީޒަންސްއަށް ގަސްތައް ކަނޑަނީ. މަސައްކަތް ކުރަމުންދާއިރު މައްސަލަތައް ފާހަގަކުރެވޭ ގަސްތައް ރީޕްލާންޓް ކުރުމަކީ ސަރުކާރުގެ ވިސްނުން. މަގުތައް ހެދިގެން ދާއިރު ގަސް އިންދަށް ހާއްސަކޮށް އެންކޭސް ކޮށްފައި އިންނަ ތަނެއް އިންނާނެ ހަދާފައި ކޮނެމް 25 މީޓަރަކުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އަމީނީ މަގުގައި ހުރި ބައެއް ގަސްތައް ކަނޑަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރަމުން އަންނަ ގޮތަށް ކަމަށާއި، ކަނޑާ ގަސްތައް ހުޅުމާލޭގެ އިތުރުން ކުޑަގިރީގައި އިންދާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން ކަނޑައެޅި ތާރީހަށް ވުރެ ލަސްކުރަންޖެހުނީ އެ މަސައްކަތަށް ބޭނުންވާ ހޮޅިތައް ފަދަ ސާމާނު ގެނައުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ތާރީހެއް ކަނޑައަޅާފައި. އެހެންވީމަ އަމީނީ މަގު ނިމިގެންދާނެ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 އަށް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަމީނީ މަގު ހުޅުވަން މިއަދު މިނިސްޓަރު އަސްލަމް އައު ތާރީހެއް ދެއްވި އިރު، ކުރިން މި މަގު ހުޅުވަން ކަނޑައެޅި މުއްދަތު އަންނަ މެއި މަހަށް ހަމަވާނެ އެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގުވެސް ތާރައަޅައި ޒަމާނީ ފެންވަރަށް ހެދުމަކީ މި ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް އަދި އެކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރެވެމުން ދަނީ ޑިޒައިނަރުން އަދި ކޮންސަލްޓެންޓުންގެ ލަފަޔާއި އެއްގަތަށް ކަމަށާއި، ޑިޒައިން އާންމުކުރުމަށް ނުވަތަ ހިއްސާކުރުމަށް ދެކޮޅު ހަދާފައި ނުވާނެ ކަމަށްވެސް މިިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްލޭނިން މިނިސްޓްރީއަށް އެންގި އެންގުމެއް ހައި ކޯޓުގައި އިސްތިއުނާފުކުރަން އެ މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފަ އެވެ. އަދި ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން އަމީނީ މަގު ހެދުމަށް އާރްޑީސީއާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ތިންވަނަ ފަރާތަކާ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށްވެސް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފަ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.