ރައްޔިތުންގެ މަޖިލިސް

އަމީނީމަގު ހަދަން ގަސްކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް: އަމީނީމަގުގެ ގަސްތައް ކަނޑާ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ: ފޮޓޯ މަޖިލިސް
0%
0%
0%

މާލޭގެ އަމީނީމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މާލޭގެ އަމީނީމަގު ހަދަން ފަށާފައިވާއިރު އެ މަގުގައި މިހާރު މަސައްކަތްކުރަމުންދާ ހިސާބުގައި ހުރި ހިޔާދޭ ބޮޑެތި ގިނަ ގަސްތައް ކަނޑާލާފައިވާކަން ހަސަން ލަތީފު ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އަމީނީމަގުގެ ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާއެކު އެ ހިސާބުގައި ހުރި ބިޔަ ގަސްތައް ކަނޑާލާނެތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

އެ ގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯ އާއި ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑަން ޖެހިގެން ކަނޑާފައިވާ ގަސްތަކެއްތޯ ރައްޔިތުން ސުވާލުކޮށް ޝަކުވާކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އަމީނީމަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހަދާއިރު، ގަސްތައް ނުކަނޑައި އެ މަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ މައްސަލަ ހުށަހެޅީ ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރަމުންދާއިރު އެ ސަރަހައްދުގައި އަމީނީ މަގަށް ހުރި އެތައް ގަހެއް މިހާރު ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. ކަނޑާލި ގަހަކަށް ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ. ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެސް އާރްޑީސީން ބުނެފައިވެ އެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދެއްވާފަ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.

މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ފަށާފައިވަނީ އެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް މުޅިން ނުނިމެނީސް ކަމަށް އެ މަޝްރޫއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އަދި މިހާރު ލީކްވެފައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ގޮތުން ލިބޭނެ ގެއްލުންތައް ބޮޑުކަންވެސް ލީކްވި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހަރެމެން

ސުވާލަކީ ހަސަނުމެންނަށް ކެރޭނެހޭ ރާއްޖޭގެ ފަރުތަކާފަޅުތައް ސުންނާފަތިކުރާ މައްސަލަ މަޖިލިހަށް ވައްދަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345