ޔޫރޯ 2020 ގައި މިރޭ ކުޅުނު މެޗުން އެއްވަރުކޮށް ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ހަންގޭރީގެ ފްރެންކް ޕުސްކަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އްގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ހަންގޭރީގެ ކެޕްޓަން އެޑަމް ޒަލައި ބަދަލުކޮށް ނިކޮލަސް ވަނީ އަރުވާފަ އެވެ. ނަމަވެސް ޓީމުގެ ކުޅުން ދަށްވިއަ ނުދީ ކުރި މަސައްކަތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަންގޭރީން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެލާއީ ދިން ތުރޫ އަކުން އެޓިލާ ފިއޯލާ އެވެ.
ފްރާންސަށް ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އެތެލެޓިކޯ މެޑްރިޑުން ވިދާލި ބާސެލޯނާގެ ތަރި އެންޓޯނިއޯ ގްރިޒްމެން އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެޗުގެ 66 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިނ ހުރަހެއް ހަންގޭރީގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއު ނުކުރެވުމުގެ ސަބަބުން އޭގެ ބޭނުން ހިފަ އެވެ.
މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައި ވަނީ ފްރާންސް ޓީމުންނެވެ. މެޗުން މޮޅުވުމަށް ގިނަ ފުރުސަތު ތަކެއް އެމްބާޕޭ ފަހި ކޮށްދިނެވެ. ނަމަވެސް އެންމެ ފުރުސަތެއްގެ ބޭނުން ނޫނީ ހިފޭ ގޮތެއް ނުވިއެވެ. ދެ ވަނަ ހާފުގައި ކުޅެން ނިކުމެ ޑެމްބެލޭ ގޯލުގެ ހަނި އަރިއަށް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލު ދަނޑީގައި ޖެހިފަ އެވެ. ނަމަވެސް އޭނާގެ ކަނާއަތު ފަޔަށް ލިބުނު އަނިޔާއަކާއި އެކު ރަނގަޅު ކުޅުމެއް ދައްކަމުން އައި ޑެމްބެލޭ ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.
ހަންގޭރީގެ 67000 އަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީގައި ބަލިވިއަ ނުދީ ހިފެހެއްޓުމަށް އެ ޓީމުން ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން ގޯލު ޖެހުމަށްފަހު މުޅި ޓީމު ވަރަށް ބޮޑަށް ފަހަތައް ޖެހިގެން ކުޅުނު އިރު، އެޓީމުގެ ވިސްނުން ހުރީ ލިބޭ ފުރުސަތު ތަކުގައި ކައުންޓާ އެޓޭކް ކުރުމަށެވެ.
މިއާއެކު ގްރޫޕް އެފްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާއި އެކު އޮތީ ފްރާންސެވެ. ތިން ޕޮއިންޓާއި އެކު ޕޯޗުގަލް ދެ ވަނައިގައި އޮތް އިރު މިރޭގެ މެޗުން އެއްވަރު ވުމުން ހަންގޭރީ އޮތީ ތިން ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ޖަރުމަނު އޮތީ ގްރޫޕުގެ ފުލުގަ އެވެ.