ދުނިޔެ

ސައޫދީއަށް ސަފީރަކު ފޮނުވަން ތައްޔާރު: އީރާން

ސައޫދީ އަރަބިއްޔާއަށް ސަފީރަކު ފޮނުވަން ތެހެރާން މިހާރު ވެސް ތައްޔާރު ކަމަށާއި މާދަމާ ފޮނުވަން ޖެހުނަސް އީރާނުން އެކަމަށް އެދި ތިބި ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާން މިހެން ވިދާޅުވީ ތުރުކީގެ ރިސޯޓް ސިޓީއެއް ކަމަށްވާ އަންތާލިޔާގައި މިމަހު 18 އިން 20 އަށް އޮންނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރީފް ވިދާޅުވީ ސައޫދީ އަރަބިއްޔާއާއެކު އީރާނަށް ގުޅުން ބަދަހި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށާއި ސައޫދީން ފެހި ސިގްލަން ހަމަ ލިބޭއިރަށް މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

ސައޫދީއާ އީރާން ގުޅުން ބަދަހިކޮށް ފުށުއަރާ ކަންކަމުގައި އިޚްތިޔާރުކުރެވެން ހުރި ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް މިއީ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު މިހާ ސާދާކޮށް ގުޅުން ބަދަހި ކުރަން އެދޭކަން ފާޅުކުރެއްވި ފުރަތަމަ ފަހަރެވެ.

ޒަރީފް ވިދާޅުވީ ސައޫދީއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިއްޖެ ކަމަށާއި ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށެވެ. އެމަނިކުފާން ވިދާޅުވި ގޮތުން އީރާންގެ ރިޔާސީ އިންތިހާބަށް ފަހު މަސައްކަތްތައް ހެޔޮ ފާލެއްގައި ހިނގައިގަންނާނެ އެވެ.

އީރާންގައި ހުކުރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އިބްރާހީމް ރައީސީ ވަނީ ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އީރާންގައި ރައީސް ކަމުގައި މިހާރު ހުންނެވި ހަސަން ރޫހާނީ ހަތަރު އަހަރުގެ ދެދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އޮގަސްޓް 3، 2021 ގައި މަގާމު ދޫކޮށްލައް ވާނެ އެވެ.

ހަސަން ރޫހާނީއަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ. އެހެން ނަމަވެސް ރައީސީއާ ބެހޭ ގޮތުން ބުނެވެނީ ވަތަނީ އަދި ހުޅަނގަށް ދޫދެއްވުމާ ދެކޮޅު ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ސައޫދީއާއެކު ގާތް ގުޅެއް އުފެއްދުމާ މެދު ރައީސީ ތަފާތު ގޮތަކަށް ދެކެވަޑައި ގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.

ފޮރިން މިނިސްޓަރު ޒަރީފް ވިދާޅުވަނީ ސަރަހައްދީ ގައުމުތަކާއެކު ގުޅުން ހަރުދަނާ ކުރަން އީރާނުން ކުރާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މިހާރެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.