ދުނިޔެ

ބައިޑަން އިޒްރޭލުގެ ރައީސާ ބައްދަލު ކުރެއްވުން 28 ގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭގެ ރައީސް ރޫވެން ރިވްލިންއާ ބައްދަލު ކުރައްވަނީ އެވެ. ވައިޓް ހައުސްއިން ބުނާ ގޮތުން ދެ ރައީސުން ބައްދަލު ކުރައްވާނީ ޖޫން 28، ވައިޓް ހައުސްގަ އެވެ.

ބެލެވޭ ގޮތުން މިއީ ރޫވެން ރިވްލިން މަގާމުގައި ހުންނަވައި ބައިޑަންއާ ބައްދަލު ކުރައްވަން ލިބިވަޑައިގަންނަވާ އެންމެ ފަހުގެ ފުރުސަތެވެ. އިޒްރޭލުގެ ރައީސަކަށް އައްޔަން ކުރެވޭ ބޭފުޅަކަށް ލިބިވަޑައިގަންނަވަނީ ހަތް އަހަރުގެ އެންމެ ދައުރެކެވެ. މިހާރު ހިނގަމުންދާ ދައުރު ޖުލައި 9، 2021 ގައި ހަމަވާނެ އެެވެ.

ރޫވެން ރިވްލިން ރައީސް ކަމުން ވަކިވެ ވަޑައިގެންނެވި ނަމަވެސް ނުފޫޒުގަދަ ސިޔާސީ ލީޑަރެއް ގޮތުގައި ދެމިހުންނަވާނެ އެވެ. ޔަހޫދީ އިޒްރޭލުގެ ސިޔާސަތު ބައްޓަންކޮށް ގައުމާ މެދު ދުރުވިސްނާ ބައިގަނޑުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާނެ އެވެ. ބައިޑަން ރިވްލިންއާ ބައްދަލު ކުރައްވާއިރު އިޒްރޭލާ މެދު ގޮތްފޮތް ކިޔުން އޮތީ އެޖެންޑާ ކުރެވިފަ އެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުން ރިވްލިން ވައިޓް ހައުސްއަށް ވަޑައިގެން އަޑި އާންމު ކުރެވެން ނެތް ވާހަކަތަކެއް ދައްކަވާނެ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް މަކަރުވެރި ގުޅުން ވަރުގަދަކޮށް މެދުއިރުމަތިގައި ޔަހޫދީންގެ ނުފޫޒު ގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

އިޒްރޭލުގެ ސިޔާސަަތަށް އަންނަ ކޮންމެ ބަދަލަކާ މެދު، މެދުއިރުމަތީ އަރަބި ގައުމުތަކުން ސަމާލުވެ ހޭލާ ތިބެން ޖެހެ އެވެ. އިޒްރޭލުގެ ރައީސަކު އެމެރިކާގެ ރައީސަކާ ބައްދަލު ކުރެއްވުން އަރަބި ގައުމުތަކުން މާނަ ކުރަން ޖެހެނީ އެމެރިކާއިން އިޒްރޭލަށް ކޮށްދޭ ހެޔޮ ކަމެއް ގޮތަށެވެ.