ދުނިޔެ

ނަތަންޔާހޫ ގެއިން ނުކުންނަން އަންގައިފި

އިޒްރޭލު ބޮޑުވަޒީރުގެ ގެެކޮޅުން ބެންޖަމިން ނަތަންޔާހޫ ދެ ހަފުތާ ތެރޭގައި ނުކުމެ ވަޑައިގަތުމަށް ބޮޑުވަޒީރުކަމާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވި ނަފުތަލީ ބެނެޓް އަންގަވައިފި އެވެ.

ނަތަންޔާހޫ ބޮޑުވަޒީރު ކަމުގައި ފާއިތުވި 12 އަހަރު ދިރިއުޅުއްވާފައި ވަނީ ގުދުސްގައި ހުންނަ އިޒްރޭލުގެ ބޮޑުވަޒީރަށް ހާއްސަ ގެކޮޅުގަ އެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް އަދި ދެހަފުތާ ތެރޭގައި ވެސް ގެއިން ނިކުމެވަޑައިގަތުން ނަތަންޔާހޫއަށް ފަސޭހަފުޅެއް ނުވާނެ އެވެ.

އިޒްރޭލު ބޮޑުވަޒީރުގެ އޮފީސް ހުސްކޮށް އާ ބޮޑުވަޒީރާ ހަވާލު ކުރެއްވުމަކީ ވެސް ނަތަންޔާހޫއަށް އޮތް ޒިންމާ އެކެވެ. އިދިކޮޅު އަށް ޕާޓީއެއް ކޯލިޝަން ހަދައި އުފައްދާފައިވާ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ގާނޫނެއްގެ ތެރެއިން ބޮޑުވަޒީރުގެ އޮފީސް ހުސް ކުރުން އަވަސް ކުރުމަށެވެ. އެއީ 14 ދުވަހުގެ ތެރޭގައި އޮފީސް ހުސްކޮށް އާ ސަރުކާރާ ހަވާލު ކުރަން ޖެހޭ ގޮތަށެވެ.

ކޯލިޝަން ސަރުކާރުން ބޮޑުވަޒީރަށް އަމާޒުކޮށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް އެ ގާނޫނެއްގެ ދަށުން ނަތަންޔާހޫއަށް އަމުރު ނުހިންގޭނެ ކަމަށް ބުނެވެ އެވެ. ގާނޫންތައް ހަދަނީ ނަތަންޔާހޫ އިސްތިސްނާވާ ގޮތަށް އަންނަން ހުރި ސަރުކާރުތަކަށެވެ.

އިޒްރޭލު ނޫސްތަކުން ބުނާ ގޮތުން ގެ ބަދަލު ކުރަން ނަތަންޔާހޫއާށް ވަގުތު ބޭނުންފުޅު ވާނެ އެވެ. އާއިލާއާއެކު 12 އަހަރު އުޅުއްވި ތަނެއްގައި އުފުލަން ލައްކަ ސާމާނު ވެސް ހުންނާނެ އެވެ. އަނެއްކޮޅުން ނަތަންޔާހޫގެ އަމިއްލަ އެޕާޓްމަންޓަށް ސަރުކާރުން ދޭންޖެހޭ ސެކިއުރިޓީ އަދި މުޅިން ނިމިފައި ނުވާ ކަމަށް ވެސް ވެ އެވެ.

ނަފުތާލީ ބެނެޓް ވިދާޅުވި ގޮތުން ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގަ އެވެ. އެކަމަކު މެހެމާނުން އަދި ބޭރު ގައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާ ބައްދަލު ކުރެއްވުން އޮންނާނީ ބޮޑުވަޒީރުގެ ގެކޮޅުގަ އެވެ.