އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް އިޒްރޭލު ކޯޓުތަކުގައި ހިންގަމުން އެބަދެ އެވެ. ބައެއް މައްސަލަތަކަކީ އޭގެ ޒާތުގައި ސާބިތުވެއްޖެ ނަމަ ދިގު ޖަލު ހުކުމެއް އިއްވާނެ މައްސަލަތަކެކެވެ.
އެހެން ނަމަވެސް، އިޒްރޭލުގެ އެޓާނީ ޖެނެރަލާއި ނަތަންޔާހޫއާ ދެމެދު ދެކެވުނު ވާހަކަތައް ކޮޅެއްގައި ޖެހި މިހާރު އޮތީ ހުކުމް އިއްވާ ހިސާބުގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ނަތަންޔާހޫއަށް އޮތީ ދެގޮތެކެވެ. އެޓާނީ ޖެނެރަލް ހުށަހެޅުއްވި ފުރަތަމަ ގޮތުގެ ފުރަތަމަ މާއްދާގައި އޮތީ ނަތަންޔާހޫ ކުށަށް އިއުތިރާފުވެ ވަޑައިގެން ހައެއްކަ މަހު ޖަލުގައި މަޑުކުރައްވައި ކޮމިއުނީޓީ މަސައްކަތަށް ނުކުމެ ވަޑައިގަތުމެވެ.
ދެވަނަ މާއްދާގައި އޮތީ ނަތަންޔާހޫ ހިންގަވާ ސިޔާސީ އޮފީސްތައް ތަޅުލުމަށް ފަހު ހަތް އަހަރު ވަންދެން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ ވަޑައި ނުގަތުމެވެ.
އަނެއް ގޮތަކީ ޝަރުއީ ދާއިރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މައްސަލަ ބަލައި އެކަމުގައި އޮތް ތަބީއީ ހުކުމާ ހަމައަށް ވަޑައިގަތުމެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން ނަތަންޔާހޫއަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. އެޓާނީ ޖެނެރަލްގެ ހުށަހެޅުން ނަތަންޔާހޫ ގަބޫލު ކުރައްވާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގެ ކޯޓްތަކަށް ވައްދާފައި ހުރި މައްސަލަތަކުގެ ތެރޭގައި މަގާމުގެ ނާޖާއިޒު ފައިދާ ނެންގެވުމާއި ރިޝްވަތު ހިއްޕެވުން ހިމެނެވެ. އަދި އަމަން ގެއްލޭ ގޮތަށް ސިޔާސީ ނުފޫޒު ބޭނުން ކުރަައްވައި ސަޕޯޓަރުންނަށް އަދަބާ ޚިލާފު އަމުރު ކުރެއްވުން ހިމެނެ އެވެ.
ނަތަންޔާހޫގެ އުމުރަކީ 72 އަހަރެވެ. ސިޔާސީ ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެން ހަތް އަހަރު ހޭދަ ކުރެއްވުމަށް ފަހު، އަލުން އެނބުރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނީ 2028 ގައެވެ. އެއިރު އޮންނާނީ 79 އަހަރު ފުރިފަ އެވެ.
ސިޔާސީ ލީޑަރުން އާންމު ހާލަތްތަކުގައި 80 އަހަރާ ހިސާބުން ސިޔާސީ ހަރަކާތްތައް ދޫކޮށްލައްވަ އެވެ. އެހެން ނަމަވެސް، ނަތަންޔާހޫއަށް ބަލާއިރު އޭނާގެ ބައްޕަ 102 އަހަރު ވަންދެން ދުނިޔޭގައި ހުންނެވި އެވެ. އަދި 90 އަހަރު ފާއިތުވެ ދިޔައިރު ވެސް އިޖުތިމާއީ ހަރަކާތްތަކުގައި މުރާލިކަމާއެކު ހެލިފެލިވެ އުޅުއްވި އެވެ.
ނަތަންޔާހޫއަށް މި ހުކުމް އިއްވައިފި ނަމަ ވާދަވެރިން އަތްޖަހާ ޕާޓީ ބާއްވާނެ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްގެ ވިސްނުންފުޅުގައި ވެސް ހުރީ މިކަހަލަ ގޮތަކަށް ސިޔާސީ މަޝްރަހުން ނަތަންޔާހޫ ގެއްލުވާލުމެވެ.