ދުނިޔެ

ނަތަންޔާހޫ އާއިލާއަށް ސެކިޔުރިޓީ ދިނުން ހުއްޓާލަނީ

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ އާއިލާއަށް ސެކިޔުރިޓީ ދިނުުން ހުއްޓާލަން އިޒްރޭލުގެ އިދާރާތަކުން ނިންމައިފި އެވެ.

ނަތަންޔާހޫގެ އާއިލާއަށް އަދި އިތުރު ހަމަސް ވަންދެން ސެކިޔުރިޓީ ދަމަހައްޓައިދޭން ނަތަންޔާހޫ އޮތީ އެދި ވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އިޒްރޭލުގެ ސަލާމަތާ ބެހޭ އިދާރާތައް، ދާޚިލީ މަސްލަހަތު ބަލަހައްޓާ އިދާރާ، ޝިން ބެތާއި ޖާސޫސީ އިދާރާ މޮސާދާއި ފުލުހުން އަދި ނޭޝަނަލް ސެކިޔުރިޓީ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ވަނީ އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.

އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުން ބޮޑުވަޒީރު އޮފީސް ދޫކޮށްލެއްވުމަށް ފަހު ހަމަސް ވަންދެން އާއިލާއަށް ސެކިޔުރިޓީ ދެ އެވެ. ނަތަންޔާހޫގެ އާއިލާއަށް ސެކިޔުރިޓީ ދިނުން ހުއްޓާލީ އެ އުސޫލުން ކަމަށް އެގައުމުން ބުނެ އެވެ.

ނަތަންޔާހޫގެ އާއިލާ އަށް ސެކިޔުޓީ ދިނުން ހުއްޓާލި ނަމަވެސް، ނަތަންޔާހޫއަށް އަދި އިތުރު 20 އަހަރު ވަންދެން ސެކިޔުރިޓީ ދޭނެ އެވެ.

ބެންޖަމީން ނަތަންޔާހޫ ވަނީ އެ ނިންމުމާ ގުޅިގެން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ އެއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ. ނަތަންޔާހޫ ވިދާޅުވީ އޭނާގެ އާއިލާއަށް އިރާނާއި ހަމާސް ޖަމާއަތުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އާއިލާއަށް ސެކިޔުރިޓީ ކަނޑާލުމުން އަނބިދަރިން ދަތުރުފަތުރުކޮށް އުޅުމުގައި ސަލާމަތީ އޮފިޝަލުން އަދި ބޮޑީގާޑުން ނުތިބޭނެ އެވެ. ކާރު ދުއްވަން ދައުލަތުން ކާރެއް އަދި ޑްރައިވަރަކު ވެސް ނުދޭނެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ސަލާމަތީ އިދާރާތަކުން އޭނާގެ އާއިލާއަށް ރައްކާތެރިކަން ދޭން ބޭނުންވި ނަމަވެސް، އެ އިދާރާތަކުގެ މައްޗަށް އޮތް ގަދަފަދަ ނުފޫޒެއްގެ ސަބަބުން އެކަން އެގޮތަކަށް ނުކުރެވެނީ އެވެ.

އެހެން ނަމަވެސް ޝިން ބެތުން ބުނީ ނަތަންޔާހޫ އާއިލާއަށް ސެކިޔުރިޓީ ކަނޑާލުމުގައި އެއްވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައި ވަނީ ގާނުނާ އެއްގޮތަށް ހުރިހާ ވެރިންނާ މެދު އަމަލުކުރާ ހަމަހަމަ އުސޫލުން ކަމަށެވެ.