އިޒްރޭލުގެ ސަރުކާރު އުވާލައި އާ އިންތިޚާބެއް ބޭއްވުމަށް ކޯލިޝަންގެ އިސް ދެ ލީޑަރުން -- ބޮޑުވަޒީރު ނަފްތަލީ ބެނެޓް އާއި ފޮރިން މިނިސްޓަރު ޔައީރު ލަޕީދު އެއްބަސްވެ ވަޑައިގެންފި އެވެ.
އިޒްރޭލުގައި ޒަމާން ތަކަކަށް ދިގުދެމިގެން ދިޔަ ބެންޖަމީން ނަތަންޔާހޫގެ ސަަރުކާރު ވައްޓާލުމަށްފަހު ބެނެޓާއި ލަޕީދު އަދި އިތުރު އަށް ޕާޓީ ކޯލިޝަން ހަދައިގެން ވެރިކަންކުރަން ފެށީ މިދިޔަ އަހަރު ޖޫންގަ އެވެ.
ޔަހޫދީ އިދިކޮޅު ޕާޓީތައް ގުޅިގެން އާ ސަރުކާރު އެކުލަވާލުމުގައި އެއްބަސްވެފައި އޮތީ ފުރަތަމަ ދެ އަހަރު ނަފްތަލީ ބެނެޓް ބޮޑުވަޒީރުކަން ކުރެއްވުމަށެވެ. ޔައީރު ލަޕީދަށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަނީ ފަހު ދެ އަހަރެވެ.
އެހެންނަމަވެސް އަހަރު ދުވަހަށްފަހު ސަރުކާރު އުވާލަން ދެ ބޭފުޅުން ވަނީ ނިންމާފަ އެވެ. މައިގަނޑު ސަބަބަކީ ސަރުކާރު ތެރޭގައި އަދި ކޯލިޝަން ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އިތުރުވުމެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓުން ސަރުކާރު އުވާލުމަށްފަހު އިންތިހާބެއް ބޭއްވެއްދެން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ އިޒްރޭލުގެ މިހާރުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ބުނާ ގޮތުން މަޝްރަހު މިހާރު އޮތް ގޮތުން އާ އިންތިހާބު ބޭއްވުން އެންމެ ގާތީ މިއަހަރު އޮކްޓޯބަރު 25 ގައެވެ.
މިއީ ސިޔާސީ ތަރުޖިބާކާރުން ކުރިން ބުނެފައި އޮތް ގޮތެވެ. ގިނަ ޕާޓީތަކެއް އެކުވެ ކޯލިޝަން ހަދައިގެން ސަރުކާރު ދެމެހެއްޓުން ނާދިރު ކަމަކަށް ވާނެ ކަމަށް އޮތީ ބުނެފަ އެވެ.
އަނެއްކޮޅުން މިހާރު އިދިކޮޅުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ބެނެޖަމީން ނަތަންޔާހޫ ވެސް ވަނީ އަހަރު ދުވެސް ތެރޭގައި ސަރުކާރު ވެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ސަރުކާރު އުވާލަން ނިންމާފައިވާއިރު އާ ސަރުކަރަށް ވަނީ ގާނޫން ހަދާ މަޖިލީހުގައި ވެސް ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ.
ކޯލިޝަން ސަރުކާރު ރޫޅޭނެ ވަގުތެއްގެ އިންތިޒާރުގައި ނަތަންޔާހޫ އާއި ބައިވެރިން ތިއްބައި ސަރުކާރު އުވާލަން ނިންމުމުން އިދިކޮޅުން ވަނީ ސަރުކާރަށް މަރުހަބާ ކިޔައި އުފާފާޅުކޮށްފަ އެވެ.