ދުނިޔެ

އިޒްރޭލުގެ ބޮޑުވަޒީރާ ބައްދަލުކުރިން: އަބްދުﷲ ރަސްގެފާން

އުރުދުންގެ އަބްދުﷲ ރަސްގެފާން ސިއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްއާ ސިއްރިއްޔާތުގައި ބައްދަލުކުރެއްވިކަން ހާމަކުރައްވައިފި އެވެ. އެ މަނިކުފާން މިކަން ހާމަކުރެއްވުމުގެ ކުރިން ވެސް އިޒްރޭލުގެ ނޫސްތަކުގައި މިވާހަކަ ލިޔެ ވަނީ ނިމި ގޮސްފަ އެވެ.

އަބްުދުﷲ ރަސްގެފާން ވިދާޅުވީ އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޒްއާ ވެސް ބައްދަލުކުރެއްވި ކަމަށާއި އެއީ އެކަމަކު އެގައުމުގައި އާ ސަރުކާރު ގާއިމުކުރެވުނު ފަހުން ކަމަށެވެ.

އިޒްރޭލު ނޫސްތަކުގައި މިވާހަކަ ލިޔެވިފައި ވަނީ ދެގައުމުން ހަދަން އުޅޭ ޑީލެއްގެ ގޮތުގަ އެވެ. އުރުދުންއަށް ދިމާވެފައި އޮތް ފެނުގެ ދަތިކަން އިޒްރޭލު މެދުވެރިވެ ފަސޭހަކޮށްދޭ މަތިން ކޮންމެވެސް ކަންތައްގަނޑެއް ހިންގަން އުޅޭ ކަމަށް ބުނެ އެވެ.

އަބްދުﷲ ރަސްގެފާން ވިދާޅުވީ ހަތުރުން ގޮތުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށާއި މަޝްވަރާކުރަން ފަސޭހަ ވަގުތެއް ލިބިވަޑައިގަތުމުން ފުރުސަތުގެ ބޭނުން ހިއްޕެވީ ކަމަށެވެ. އިޒްރޭލުގައި ކުރިން އޮތް ސަރުކާރަކީ މަޝްވަރާކުރަން އުނދަގޫ ސަރުކާރެއް ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވީ އުރުދުންނަށް ދިމާވެފައި އޮތް ފެނުގެ ދަތިކަން ހައްލުކުރުމަކީ އުންމީދުކުރައްވާ ގޮތް ކަމަށެވެ.

އުރުދުންއާއެކު ގުޅުން ބަދަހިކުރެވިދާނެ ބެނީ ގަންޒު ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަތަންޔާހޫގެ ސަބަބުން މުޅި ސަރަހައްދު ޚަރާބުވެވައި ވާ ކަމަށެވެ.