ޖެރޫސަލަމް (ފެބްރުއަރީ 28) – އިޒްރޭލުގެ ޑިފެންސް މިނިސްޓަރު، ބެނީ ގަންޒް ސިރިއްޔާތުގައި ޖޯޑަންގެ ރަސްގެފާން އަބްދުﷲ އާ ބައްދަލުކުރައްވައިފި އެވެ. އިޒްރޭލު ނޫސްތަކުން މި ޚަބަރު ވަނީ އާންމުނަށް ފޯރުކޮށްދީފަ އެވެ.
ދެބޭފުޅުން ބައްދަލުކުރެއްވި ސީދާ ތާރީޚެއް ނޫސްތަކުގައި ނެތެވެ. އެކަމަކު، ދެބޭފުޅުން ބައްދަލުކުރެއްވީ ޖޯޑަންގައި ކަމަށް ވަނީ ބުނެފަ އެވެ.
އިޒްރޭލުގައި ކުރިއަށް އޮތް އިންތިހާބުގައި ބްލޫ އެންޑް ވައިޓް ޕާޓީ ލީޑްކުރައްވާނީ ގަންޒް އެވެ. އޭނާ ވަނީ ޖޯޑަންގެ މަތީ ފަންތީގެ އޮފިޝަލުންނާ ބައްދަލުކުރައްވަން އުޅުއްވާކަން ދުވަސްކޮޅެއް ކުރިން ޕާޓީ މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ.
ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އަންމާންއާއެކު ގެންގުޅުއްވާ ސިޔާސަތު ކަމުނުދާ ކަމަށް ގަންޒް ވިދާޅުވި އެވެ. ވިދާޅުވީ ބޮޑުވަޒީރު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ދެގައުމުގެ ގުޅުމުގައި ކުނިޖެހޭ ކަމަށެވެ.
"ޖޯޑަންއަކީ އަހަރެމެންނަށް ބޭނުން ހިފިދާނެ ރަނގަޅު މުދާގަނޑެއް،" ގަންޒް ވިދާޅުވި އެވެ. "އެކަމަކު ބޮޑުވަޒީރު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އަހަރެމެންގެ ގުޅުމަށް ހެޔޮ ބަދަލެއް އަންނާތީ ނުފެނެ" އެވެ.
އިޒްރޭލު ނޫސްތަކުގައި މިވާހަކަތައް އޮލަކޮށްފައި އޮތް ނަމަވެސް ޖޯޑަންއަށް ކަމެއް ވެގެން އުޅޭހެން ވެސް ހީނުވެ އެވެ. ދެބޭފުޅުންގެ ބައްދަލުވުމާ ބެހޭ ގޮތުން ޖޯޑަންއިން އަދި އެކައްޗެއް ވެސް ނުބުނެ އެވެ.
އިޒްރޭލު ނޫސްތަކުން ބުނާ ގޮތުން ފާއިތު މަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުގެ ފޮރިން މިނިސްޓަރު، ގަބީ އަޝްކެނާޒީ ވަނީ ޖޯޑަންގެ ފޮރިން މިނިސްޓަރު، އައިމަން އަލް ސަފާދީއާ ދެފަހަރަކު ބައްދަލުކުރައްވާފަ އެވެ. އަދި ގުޅިގެން ހިންގިދާނެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
ޖޯޑަންއަކީ އިޒްރޭލާއެކު ގާތްގުޅުމެއް ދަމަހައްޓާ ގައުމެކެވެ. އިޒްރޭލާއެކު ދެވަނައަށް ގުޅުން ގާއިމުކުރި އަރަބި ގައުމަކީ ވެސް ޖޯޑަންނެވެ. ޖޯޑަންއާ އިޒްރޭލުގެ ބޯޑަރު ވަރަށް ދުރަށް ދެމިފައި އޮވެ އެވެ. މިދެގައުމު ސުލްހައިގެ އެއްަބަސްވުމުގައި ސޮއިކުރީ 1979 ވަނަ އަހަރެވެ. އިޒްރޭލާއެކު އެންމެ ފުރަތަމަ ގުޅުން ބަދަހިކުރި އަރަބި ގައުމަކީ މިސްރު އެވެ.