ބޮލީވުޑް

ފިލްމެއް އަތުލުމުން އުނދަގޫވާ ވަރަށް ކެޓުރީނާ ރުއި: ސަލްމާން

ޖޯން އެބްރަހަމް ތަންކޮޅެއް ކުރިން ކުޅުނު ފިލްމެއްގެ ބަތަލާއަކަށް ކެޓުރީނާ ކައިފް ހަމަޖެއްސުމަށް ފަހު އެންމެ ފަހު ވަގުތު އޭނާ އަތުން ފިލްމު އަތުލައިގެން ކެޓުރީނާ ވަރަށް ރުއި ކަމަށް ސަލްމާން ޚާން ބުނެފި އެވެ. ސަލްމާންގެ އިންޓަވިއު އެއްގައި އޭނާ ބުނި ގޮތުގައި އޭރު ކެޓުރީނާ އަކީ އަލަށް ފިލްމު ކުޅެން ފެށި ބަތަލާއަކަށް ވާތީ ޖޯން އަށް އެގޮތަށް ކަންތައް ކުރެވުނަސް މިހާރު ކެޓުރީނާ ހުރީ ޖޯންގެ އަތުން ފިލްމެއް އަތުލެވޭ ފަދަ މަގާމެއްގައި ކަމަށެވެ. ވީމާ ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާ ގޮތް އެހެރީ ކަމަށް ސަލްމާން ބުންޏެވެ.

ޖޯން އާއި ކެޓުރީނާ ކުޅެން ހަމަޖެހިފައި ވަނީ 2003 ގައި ރިލީޒްކުރި "ސާޔާ" އެވެ. އެ ފިލްމުގެ ބަތަލާއަކީ ތާރާ ޝަރުމާ އެވެ. އޭގެ 2009 ގައި ޖޯން އާއެކު ކެޓުރީނާ ވަނީ "ނިއު ޔޯކް" ކުޅެފަ އެވެ.

"ޖޯންގެ ފިލްމުން ވަކި ކުރީމަ ކެޓުރީނާ ރޮއިރޮއި މަގޭ ބޯ ހަލާކުވާވަރު ކުރި. ތިމަންނަގެ ކެރިއަރުގެ ދުވަސް ދިޔައްޔޯ ކިޔައިގެން ތިން ދުވަސްވީއިރު ވެސް އެކަމާ ރޮއިރޮއިފަ އުޅުނީ. މިހާރު ކެޓްރީނާ ހުރި މަގާމަށް އާދެވިދާނެ ކަމަކަށް އޭނާ އޭރަކު ހިތަށް ވެސް ނާރާ. އެހެން ނޫންނަމަ އެހާ ކުޑަ ކަމަކާ އެވަރަކަށް ނުރުއީސް،" ސަލްމާން ބުންޏެވެ.

ސަލްމާން ބުނި ގޮތުގައި ޖޯން ކިބައިން ބަދަލު ހިފާނެ ފުރުސަތު ކެޓްރީނާ އަށް ވަރަށް ރަނގަޅަށް ލިބުނެވެ. ނަމަވެސް ބަދަ ލުހިފުމުގެ ރޫހުގައި ކަންކަން ނުކުރަން ސަލްމާން ދިން ނަސޭހަތް އޭނާ ގަބޫލު ކުރީ އެވެ.

"އޭގެ ހައެއްކަ އަހަރު ފަހުން 'ނިއު ޔޯކް' ކުޅުމުގެ ފުރުސަތު ކެޓުރީނާ އަށް ލިބުނުއިރު އެ ފިލްމުގެ ބަތަލަކީ ޖޯން. ކެޓުރީނާ ބޭނުންނަމަ ޖޯން ވަކި ކުރެވުނީސް އެ ފިލްމުން. އެކަމަކު އަހަރެން ބުނިން އެއަށްވުރެ މާ ބޮޑު ތަރިއެކޭ ތީ މިހާރު. ފިލްމުގެ ސްކްރިޕްޓާއި ޑައިރެކްޓަރު ރަނގަޅިއްޔާ ގަބޫލު ކުރާށޭ ފިލްމު. ކެޓުރީނާގެ ސަބަބުން ޖޯންއަށް އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ލިބުނީ،" ސަލްމާން ބުންޏެވެ.

"ސާޔާ"އިން ކެޓުރީނާ ވަކި ކުރަން މެދުވެރިވީ ސަބަބެއް ޖޯން ކިޔައިދީފައެއް ނުވެ އެވެ.