ބޮލީވުޑް

"ޓައިގާ 3" ޓީޒާ: ހުރިހާ ތައުރީފެއް ކެޓުރީނާއަށް

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ 3" ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވަމުން ދާއިރު މިދިޔަ ހުކުރު ދުވަހު ފިލްމުގެ ޓީޒާއެއް ވަނީ ރިލީޒް ކޮށްފަ އެވެ.

މި ޓީޒާގައި ބުނެފައިވާ ގޮތުގައި ފިލްމު ރިލީޒް ކުރާނީ 2023 ގެ އެޕްރީލް 23 ވަނަ ދުވަހު އެވެ. އެއީ ކަލަންޑަރުގައިވާ ގޮތުން އެ އަހަރުގެ ފިތުރު އީދު ދުވަހެވެ.

ޓީޒާ ބަލާފާއި ސޯޝަލް މީޑީއާގައި ގިނަ ކުރި ކޮމެންޓްތަކުގައި ކެޓުރީނާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ. ފިލްމުގެ އެކްޝަން މަންޒަރުތައް ކެޓުރީނާ ކުޅުމުގައި ދައްކާފައިވާ އެނާޖީ އާއި ހިތްވަރު ފޭނުން ފާހަގަ ކުރި އެވެ.

"ޓައިގާ 3" ޓީޒާ

އެއްބަޔަކު ކެޓުރީނާ ސިފަ ކުރީ "ފަޔާ" ގެ ގޮތުގަ އެވެ. އަނެއްބަޔަކު ބުނީ "އަންހެން މިނިކާވަގު އެނބުރި އަތުވެއްޖެ" ކަމަށެވެ.

މިއީ ސަލްމާނާއި ކެޓުރީނާ ކުޅޭ "ޓައިގާ" ސީރީޒްގެ ތިން ވަނަ ފިލްމެވެ. ކުރީ ދެ ފިލްމުގައި ވެސް ސަލްމާން ކުޅެފައި ވަނީ އިންޑިއާގެ ޖާސޫސެއްގެ ރޯލެވެ. ކެޓުރީނާ ކުލެފައިވަނީ ޒޯޔާ ހުމައިމީ ކިޔާ ޕާކިސްތާން ޖާސޫސެއްގެ ރޯލެވެ.