ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އައްސޭރި ޖަލުގެ ކޮވިޑް އަދަދަށް ދަށްވެ، މާލެ ޖަލުގެ އަދަދު މައްޗަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ހިންމަފުށި އައްސޭރި ޖަލުގައި ކޮވިޑް 19ގެ ކޭސްތައް މަދުވެ، މާލެ ޖަލުގައި ކޮވިޑްގެ ކޭސްތައް އިތުރުވެއްޖެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަަލް ޔުސްރީން އަހްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިންމަފުށި ޖަލުގައި މިހާތަނަށް 169 ގައިދީ އަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެތެރެއިން އެންމެ ގައިދީއެއް ފިޔަވާ ހުރިހާ ގައިދީން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ އައްސޭރި ޖަލަކީ މިހާތަނަށް އެންމެ ގިނަ ގައިދީން ޕޮޒިޓިވްވި ޖަލެވެ. އައްސޭރި ޖަލުގެ ނުވަ ގައިދީ އަކު ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށްވެސް ޔުސްރީން މައުލޫމާތު ދެއްވާފައިވެ އެވެ.

ޔުސްރީން ވިދާޅުވީ އައްސޭރި ޖަލުގެ ގައިދީން ކޮވިޑުން ސަލާމަތްވި ނަމަވެސް އައްސޭރި ޖަލުގެ ތިން މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ ކަމަށެވެ. އެ ތިން މުވައްޒަފުންނާއި އަދި ޖަލުގެ އިތުރު މުވައްޒަފަކާ އެކު އައްސޭރި ޖަލުގެ ހަތަރު މުވައްޒަފުން މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ޖަލުގެ 109 ގައިދީ އަކު ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް 54 ގައިދީ އަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް 55 ގައިދީ އަކު ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. އަދި 121 ގައިދީން ވަނީ އެހެން ގައިދީންނާ އެކަހެރިކޮށް، ޖަލުގެ ތެރޭގައި ކަރަންޓީނު ކޮށްފަ އެވެ.

މާލެ ޖަލުގެ ނުވަ މުވައްޒަފުން ކަރަންޓީނުގައި ތިބިއިރު މީގެތެރެއިން ހަތަރު މުވައްޒަފުން ގެންދަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންނެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުން ގެންދާ އެންމެ ބޮޑު ޖަލު ކަމަށްވާ މާފުށި ޖަލާއި ހުޅުމާލެ ޖަލުގައި ކޮވިޑަށް ޕޮޒިޓިވް އެއްވެސް ގައިދީއެއް މިވަގުތަކު ނެތެވެ.

ކަރެކްޝަންސްގެ ޖަލުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 55 ޕަސަންޓް ގައިދީން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

މަދު އަދަދެއްގެ ގައިދީން ވަނީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފަ އެވެ. ޖަލު ތަކުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާ އެކު ވެކްސިން ޕްރޮގްރާމު އަލުން ގަވައިދުން ފަށައިގަނެވޭނެ ކަމަށްވެސް ޔުސްރީން ވަނީ ވިދާޅުވެފަ އެވެ.