ކޮވިޑް-19 އިން ރައްކާތެރި ވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ހަމަ ކޮށްގެން ޖަލުތަކުގައި ތިބި ގައިދީންނާ އާއިލާތަކަށް ބައްދަލު ކުރެވޭނެ ކަމަށް ކަރެކްޝަނުން އެކުލަވައިލި އުސޫލުގައި ބުނެފި އެވެ.
ކަރެކްޝަނުން އިއްޔެ އަމަލު ކުރަން ފެށި އާ އުސޫލުގައި ބުނެފައި ވަނީ ގައިދީންނާއި ބަންދު މީހުންގެ އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލު ކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ފަހުން 14 ދުވަސް ހަމަވެފައިވާ ނަމަ އެވެ.
ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމާއެކު ދެ ޑޯޒް ހަމަ ކުރިކަމުގެ ލިޔުމަކާއި 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓްގެ ނަތީޖާގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ. ކޮވިޑް ޖެހި ބަލިން ފަސޭހަވެފައިވާ މީހެއް ނަމަ، ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާކަން އަންގައިދޭ ލިޔުމުގެ އަސްލު ހުށަހަޅަން ޖެހޭނެ އެވެ. އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޖަލަށް ޒިޔާރަތް ކުރާ ނަމަ އެ ކުއްޖާގެ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހެ އެވެ.
ގައިދީންނާ ބައްދަލު ކުރަން ޖަލަށް ޒިޔާރަތް ކުރެވޭނީ ގިނަވެގެން އެއްފަހަރާ އާއިލާއެއްގެ ފަސް މެމްބަރުންނަށެވެ. ފަސް މެމްބަރުން ގުނާނީ ކުޑަކުދިންނާ ލައިގެނެވެ. އަދި ގާނޫނީ ވަކީލުންނަށް ހުއްދަ ދެވޭނީ އެއްފަހަރާ ގިނަވެގެން ތިން ވަކީލުންނަށެވެ.
އިތުރަށް ބުނެފައި ވަނީ ބައްދަލުވުންތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ފޮލޯކުރަން ވާނެ ކަމަށާއި ގަވާއިދާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ގަވައިދާ ހިލާފު ވެއްޖެ ނަމަ ވަގުތުން ބައްދަލުވުން މެދުކަނޑައިލުން ނުވަތަ މަސް ދުވަސް ވަންދެން ޖަލަށް ޒިޔާރަތްކުރުން މަނާ ކުރުން ހިމެނެ އެވެ. ބައްދަލުވުން ފެށުމުގެ ކުރިން ގަވާއިދާ ހިލާފުވެއްޖެ ނަމަ އެ ބައްދަލުވުން ކެންސަލް ކުރާނެ އެވެ.
ކޮވިޑް ނެތް ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު ޖަލުތަކުގައި ތިބި މީހުންނާ ބައްދަލު ކުރެވޭނެ އެވެ. އަދި ގައިދީންނަށް އަންނައުނު ވެސް ފޮނުވޭނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގައިދީންގެ އާއިލާ މެމްބަރުންނާ ބައްދަލު ކުރުން މެދުކަނޑާލައިފައި ވަނީ މިދިޔަ މާޗް މަހުން ފެށިގެނެވެ. ޖަލުތަކުގައި ވެސް ކޮވިޑް ފެތުރުނެވެ. ނަމަވެސް މިހާރު ބަލި ކޮންޓްރޯލްކޮށް އެތަންތަން އާންމު ހާލަތަށް ގެނެސްފަ އެވެ.