ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށީ ޖަލު

މާފުށީ ޖަލުގައި ކޮވިޑްގެ 166 އެކްޓިވް ކޭސް

Jan 31, 2022

މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިވަގުތު 166 މީހަކަށް ބަލި ޖެހިފައިވާ ކަމަށް މޯލްޑިވްސް ކަރްކެޝަނަލް ސާވިސަސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސަސްއިން މާފުށީ ޖަލުގެ ކޮވިޑް އަޕްޑޭޓް ދެމުން ބުނެފައި ވަނީ މިވަގުތު 156 ގައިދީއަކަށް ބަލި ޖެހިފައި ތިބި ކަމަށެވެ. އަދި 10 ޕްރިޒަންސް އޮފިސަރަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ގައިދީންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް ވެގެން 82 މީހަކު ތިބީ ކަރަންޓީނުގަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 116 ގައިދީއަކު ބަލިން ފަސޭހަވެފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް ވަނީ އޮންލައިންކޮށްފަ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެކަމަކު ކޯޓުތަކުގައި އޮންނަ އަޑުއެހުންތައް އޮންލައިން ކުރުމާއި ގުޅިގެން އަޑުއެހުންތައް ކުރިއަށް ގެންދަން ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ. އެގޮތުން ޖަލުން ރޭންޖް ދަށްވުމާއި، އޮންނަ ވަގުތަށް ކޮންފަރެންސް ރޫމް ނުލިބުން ފަދަ ކަންކަން ދިމާވެގެން ގިނަ ފަހަރަށް އަޑުއެހުންތައް ކެންސަލް ކުރާން ޖެހެ އެވެ.