އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިތުގެ ބަލި ތަހަކަށް ފަރުވާ ދިނުމަށްޓަކައި ނޭޝަނަލް ކާޑިއަކް ސެންޓަރެއް ގާއިމް ކުރަން އިންޑިޔާގެ މެޑްޓްރީނާ ހޮސްޕިޓަލާއެކު އެއްބަސް ވުމެއްގައި ސޮއި ކުރައްވައިފި އެވެ.
މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއަޔާތުގައި އައިޖީއެމްއެޗް ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ ފަރުހަތު ޝަހީރެވެ. މެޑްޓްރީނާ ހޮސްޕިޓަލް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރަތާބް ކުމާރު އެވެ. މިމަޝްރޫއު އަށް ސަރުކާރުން 7.5 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ އައިޖީއެމްއެޗް ގަވަނިން ބޯޑު އުފައްދައި ހޮސްޕިޓަލްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ރައީސް އަބްދުﷲ ޔާމިން އިރުޝަދުދެއްވާފައިވާ އެންމެ މުހިންމު އެއް ކަމަކީ ހޮސްޕިޓަލުގައި ކާޑިއެކް ލެބް އެއް ގާއިމް ކުރުން ކަމަށާއި ހިތުގެ ބަލިތަކަށް އެކަށީގެންވާ ވަރަށް ފަރުވާ ދެވޭނެ އިންތިޒާމެއް އައިޖީއެމްއެޗްގައި ހަމަޖައްސަން ޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ މިމަޝްރޫއުގެ ދަށުން ހިތުގެ ބައްޔަށް ފަރުވާދޭ ނޭޝަނަލް ކާޑިއެކް ސެންޓަރު އަންނަ އަހަރުގެ ފެބްރަވަރީ މަސްތެރޭގައި ނިމި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
"ރާއްޖޭގައި ހިތުގެ ބަލިތަށް ދުވަހުން ދުވަހަށް އިތުރުވަމުންދާ ދަންޑިވަޅަކަށް ވެފައި، މި ހޮސްޕިޓަލްގެ އުމުރުން 20 އަހަރުވެފައިވާ އިރު ހިތުގެ ބައްޔަށް ފަރުވާ ދެވޭނެ ހިދުމަތެއް ފެށުން ލަސް ވެފައިވާ ކަމަށް ގަބޫލު ކުރަން. ނަމަވެސް އަންނަ އަހަރު ފެބްރަވަރީ މަހު އެ ހިދުމަތްތަށް ފެށޭނެ،" ޝަރީހު ވިދާޅުވި އެވެ.
އެމްއެންޑީއެފްގައި ކުރީގެ ބްރިގޭޑިޔާ ޖެނެރަލްގެ މަގާމުގައިވެސް ހުންނެވި ޝަހީރު ވިދާޅުވީ އިންޑިޔާގެ މެޑްޓްރީނާ ހޮސްޕިޓަލާއި އެކީ މިމަޝްރޫއު ކުރިޔަށް ގެންދަން ހަމަޖެހުނީ ސަރުކާރުން ހުށަހެޅި ހުށަހެޅުމެއް ދިރާސާ ކުރުމަށް ފަހު ދައުލަތަށް ގެއްލުން ނުވާ ގޮތަކަށް މިކަން ކުރެވިދާނެ ހޮސްޕިޓަލެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.
އައިޖީއެމްއެޗް އިން މީގެ ކުރިން ވެސް ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް ކާޑިއެކް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތެއް ކޮށް ޑޮކްޓަރުން ތަކެއް ތަމްފރީން ކުރައްވާ، އަދި އެއްބަސް ވުމަކަށް ވެސް ގޮސްފައިވެ އެވެ. އެހެން ނަމަވެސް ތަފާތުއެކި ސަބަބު ތަކާހުރެ އެކަން ތަންފީޒުވެފައި ނުވީ ކަމަށް ޝަހީރު ވިދާޅުވި އެވެ.