އެޗްއާރްސީއެމް

ޑިފެންސް މިނިސްޓްރީން މައުލޫމާތެއް ނުދިން: އެޗްއާރްސީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އެޗްއާރްސީއެމްގެ ތަހުގީގުގައި ސާފުކުރަން ބޭނުންވާ މައުލޫމާތު ޑިފެންސް މިނިސްޓްރީން ލިބިފައި ނުވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ ޖަވާބު ލިބިފައި ނުވާތީ މި ހަފްތާގައި ބައްދަލުވުމަކަށް އެދޭނެ ކަމަށެވެ. ކޮމިޝަނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރިކަން އެނގޭނީ އެކަމެއް ވެސް މިނިސްޓްރީން ހިއްސާކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.

މުއުމިނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީއާ އެކު ބައްދަލުވުމެއް ހަމަނުޖެހިއްޖެނަމަ އަދި އެ މިނިސްޓްރީން މައުލޫމާތު ނުލިބިއްޖެ ނަމަ އެޗްއާރްސީއެމްގެ ގާނޫނުގައި މައުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގާނޫނުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ އިދާރާ އިން އެޗްއާރްސީއެމް އަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަންވެސް މުއުމިނާ ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާތީ ކޮމިޝަނަށް އެންމެ ބޭނުންވި މިިންވަރަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިދާރާއެއްގެ އިހްމާލެއް އޮތް ނަމަ އެކަމެއްވެސް ކޮމިޝަންގެ ތަހުގީގަށް އެނގޭނީ ބޭނުންވާ މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. އެހެންކަމުން އިދާރާތަކުން ކޮމިޝަނަށް މައުލޫމާތު ހިއްސާކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ދަންނަވާނީ އެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ފުރިހަމަ އަށް ލިބިގެންނޭ އަޅުގަނޑުމެންްގެ މައްސަލާގައި އަޅުގަނޑުމެންނަށް އެއްވެސް ހުށަހެޅުމެއް ވެސް އެއްވެސް އިދާރާ އަކަށް ހުށަހެޅޭނީވެސް އަދި މިމައްސަލައާއި ގުޅޭގޮތުން އަޅުގަނޑުމެންނަށް ގޮތެއް ވެސް ނިންމޭނީ،" މުއުމިނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރުމާ ދެކޮޅަށް ވެސް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވާހަކަދައްކާފައިވެ އެވެ. އަދި ސިފައިންގެ ގާނޫނާ ހަވާލާދީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން މަޖިލީހަށް ވެސް އެންގި އެވެ. އެހެންނަމަވެސް ވަކިވަކި ސިފައިން މިހާރު ދަނީ މަޖިލީހުގެ އެންގުމަށް މަޖިލީހަށް ހާޒިރުވެ އިންކުއަރީ އަށް އެއްބާރުލުން ދެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ މިމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާއިރު އެޗްއާރްސީއެމްގެ ތަހުގީގު ނިންމާލެވޭނެ ވަކި ދުވަހެއް ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.