ގައްދޫ

ގދ. ގަން އެހެން ބަޔަކަށް ދޭން އެއްބަހެއް ނުވެވޭނެ: ގައްދޫ ކައުންސިލް

ގދ. ގައްދޫ އާއި ޖެހިގެން އޮންނަ ފަޅުރަށް، ގަން އެހެން ބަޔަކަށް ދޭން ގައްދޫ ރައްޔިތުން އެއްބަސް ނުވާނެ ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.

ގަމާބެހޭ ގޮތުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހަދީޖާ އަހުމަދު ވެސް ވަނީ އެގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ އެހެން ވިދާޅުވިއިރު ދަނޑުވެރިކަން ތަރައްގީ ކުރަން މި ސަރުކާރުން އުފެއްދި އެގްރޯނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަށް ގަން ދޭން ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ.

ހަދީޖާ މިއަދު ވިދާޅުވީ މިހާރު ވެސް ގަމުގައި ގައްދޫގެ ގިނަ ބަޔަކު ދަނޑުވެރިކަންކޮށް ނަފާ ހޯދަމުން އަންނަ ކަމަށާއި ބައެއް މީހުން ގަމުގައި ތިބެގެން ވެސް ދަނޑުވެރި ކަމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ވެސް ގަމަކީ ގައްދޫ ކައުންސިލްގެ އިހްތިސޯސުގެ ތެރޭގައިވާ ރަށެއް ކަމަށެވެ.

ގަން އެގްރޯއަށް ދީފި ނަމަ ގައްދޫގެ ދަނޑުވެރިންނަށް ގެއްލުންތަކެއް ވާނެ ކަމަށާއި އާ އުސޫލެއްގެ ތެރެއިން އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތެއް ގައްދޫ ދަނޑުވެރިންނަށް ލިބުނު ނަމަވެސް މިހާރު އޮންނަ ގޮތާ ހިލާފަށް ބިމު ކުއްޔެއް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގދ. އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ގަން ގައްދޫއަށް ހޯދައި ދޭން އެދި އެ ވާހަކަ ދައްކާފައި ވާނެ ކަމަށް ވެސް ހަދީޖާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލިޔުމުން ވެސް އެކަމަށް އެދޭނެ ކަމަށާއި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނައިބު ރައީސާ އެހެން ވިދާޅުވި ނަމަވެސް އެގްރޯގެ މެނޭޖިން ޑިރެކްޓަރު، ހާރޫން ރަޝީދު މިއަދު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެ ކޯޕަރޭޝަނަށް ގަން ލިބޭނެ ކަމަށެވެ. އެ މަޝްވަރާތައް ސަރުކާރާއެކު ކޮށް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ވެސް ފަށަފައިވާ ކަމަށެވެ.

އެގްރޯއަށް ގަން ދޭން ނިމިފައިވާ ކަމަށް ހާރޫނު ވިދާޅުވި އިރު ގައްދޫ ރައްޔިތުންގެ ބިމަކަށް ގަން ހަދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެގްރޯއަށް ގަން ދިނުމާއި ދެކޮޅަށް ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޒާހިރު ވެސް ވަނީ އަޑު އުފުއްލަވާފަ އެވެ. ކުރިން ޒާހިރު ވިދާޅުވެފައިވާ ގޮތުގައި ގަން އެގްރޯއަށް ދިނުމަކީ "ފޭރުމުގެ އަމަލެ" ކެވެ. ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ކުންފުނިތައް ހަދައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަރައިގަންނަ ކަމަށް ވެސް އޭނާ އޭރު ތުހުމަތު ކުރެއްވި އެވެ.