އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

ދަނޑުވެރިކަން ކުރަން އިސްދޫ އިން ބޮޑު ބިމެއް އެގްރޯނެޓަށް

Feb 9, 2023

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ކުރިއަށް ގެންދަން ނިންމާފައިވާ ކޮމިއުނިޓީ ފާމިން ޕްރޮގްރާމަށް ބޭނުންވާ އެއްލައްކަ އަކަފުޓޫގެ ބިން ލ. އިސްދޫ އިން ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެގްރޯނެޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު އެވެ. އިސްދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް އެވެ.

އެގްރޯނެޓްގެ ކޮމިއުނިޓީ ފާމިން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިސްދޫގެ އިތުރުން ނ. މާފަރާއި، ނ. ލަންދޫ އާއި ކ. ކާށިދޫ އެވެ.

އެގްރޯނެޓުން ބުނީ ވަރަށް އަވަހަށް މިރަށްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު މަސައްކަތް ފަށާނެ ކަމަށެވެ.

އެގްރޯނެޓްގެ ކޮމިއުނިޓީ ފާމިން ޕްރޮގްރާމަށް ބިން ހޯދުމަށްފަހު ކައުންސިލްތަކަށް ދައްކަންޖެހޭ ކުލި ދައްކާނީ އެގްރޯނެޓުންނެވެ.

ބިން ސާފުކޮށް ގަސް ހެއްދުމަށް ދަނޑު ތައްޔާރުކުރުމަށްފަހު އެގްރޯނެޓުން އިސްކަންދެނީ މިފަދަ ދަނޑުތަކުގައި ފަޅޯ، މެލަން އަދި ކިއުކަންބާ ހެއްދުމަށެވެ.

ދަނޑުތައް ތައްޔާރުކުރުމަށްފަހު އެތަންތަނުގައި ދަނޑު ހައްދަން ބޭނުންވާ މީހުންނަށް އެގްރޯނެޓުން ދަނޑު ހައްދަން ފުރުސަތު ދޭނެ އެވެ. އެމީހުން ދަނޑު ހެއްދުމަށްފަހު އުފެއްދުންތައް ވިއްކަންޖެހޭނީ ހަމައެކަނި އެގްރޯނެޓް ކުންފުންޏަށެވެ.

އެގްރޯނެޓުން މުޅިން އާ ކޮންސެޕްޓަކަށް ފަށާ ކޮމިއުނިޓީ ފާމިން މަޝްރޫއަކީ ޖަޕާން ސަރުކާރާއި ޔޫއެންޑީޕީގެ މާލީ ލިބިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.