އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ގދ. ގަން ދިނުމަކީ ފޭރުމުގެ އަމަލެއްގެ ގޮތުގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ސިފަ ކުރައްވައިފި އެވެ
ސައިޒުގެ ގޮތުން ބޮޑު ރަށެއް ކަމުގައިވާ ގދ. ގަން އޮންނަނީ ޒާހިރު ތަމްސީލް ކުރައްވާ ގައްދޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް، ގދ. ގައްދޫއާ ޖެހިގެންނެވެ.
އެގްރޯ ކުންފުންޏަށް ގަން ދިނުމާ ދެކޮޅަށް ޒާހިރު ވާހަކަފުޅު ދައްކަވާފައި މިވަނީ އެގްރޯ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި އެ ކުންފުންޏަށް ސަރުކާރުން ތިން ރަށް ދީފައިވާ ކަމަށް އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި އެގްރޯގެ އެމްޑީ ވިދާޅުވެފައި ވަނިކޮށެެވެ. ގަމުގެ އިތުުރުން އެގްރޯ އަށް ދޭން ނިންމާފައިވަނީ ހއ. މުލިދޫ، ލ. ގާދޫ އެވެ. މީގެ ތެރެއިން ގާދޫއަކީ ރާއްޖޭގައި އާދަޔާހިލާފަށް ވެލާ އަރާ ރަށެކެވެ.
އެގްރޯ ކުންފުންޏަށް ގަން ދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަހްމަދު ޒާހިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ގެންދަނީ ކުންފުނިތައް ހަދައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަރައިގަންނަމުންނެވެ. އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް ވަދެ، އެގްރޯ ކުންފުނިން އެ މަސައްކަތް ކުރުމަކީ އޭނާއަށް ކަމުދާ ގޮތަކަށް ނުވެ އެވެ.
"އަޅުގަނޑު ސަރުކާރަށް ދަންނަވަން މިކަހަލަ ފޭރޭ ވައްތަރަށް ކަންކަން ނުކުރައްވާށޭ. މިއީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުން ހިތްހަމައެއް ނުޖެހޭ މިގޮތަށް ކަންކަން ދިޔައީމައެއް،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޒާހިރު ވިދާޅުވެފައިވެ އެވެ.
ގަމަކީ ގައްދޫގެ އިހްތިސޯސްގެ ތެރޭގައި އޮތް ރަށެއް ކަމަށް ޒާހިރު ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންކަމުން އެރަށް އެހެން ބަޔަކަށް ދިނުމަކީ ގައްދޫ ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫން ކަން އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ގައްދޫ ކައުންސިލާ ގަން ހަވާލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ އެގްރޯ ކުންފުންޏަށް ތިން ރަށެއް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް މީގެ ކުރިން ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އާޒިމް ވަނީ އެގްރޯ ކުންފުންޏަށް ރަށްތަކެއް ދޭން ނިންމުމުން އެ ކުންފުނި އުފެއްދި ހަގީގީ މަގުސަދާ މެދު ސުވާލު އުފައްދަވާފަ އެވެ. އެގްރޯ ކުންފުނި އުފެއްދީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެ ދިނުމަށް ކަމަށާއި އެ ކުންފުނި އުފެއްދީ ދަނޑުވެރިންގެ މަަސައްކަތުގެ ތެރެއަށް ވަންނަން ނޫން ކަމުގައިވެސް އާޒިމް ވިދާޅުވެފައިވެ އެވެ.
"މިފްކޯ އިންވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ދެއްތޯ،" އެގްރޯއަށް ރަށްތަކެއް ދިނުމާ ދެކޮޅަށް ސުވާލު އުފައްދަވަމުން އަލީ އާޒިމް ވިދާޅުވެފައި ވެއެވެ.