މޯލްޑިވްސް އިމިގްރޭޝަން

ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ޕާސްޕޯޓަށް އެދޭތީ ވަގުތު އިތުރުކޮށްފި

  • މިހާރު ދުވާލަކު 450 މީހުނަށް ހިދުމަތް ދެވޭ
  • ވަގުތު އިތުރު ކުރުމުން 600 މީހުންނަށް ހިދުމަތް ދެވޭނެ

ސްކޫލު ބަންދާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހައްދަން ދާތީ ޚިދުމަތް ލުއި ކޮށްދިނުމުގެ ގޮތުން ޕާސްޕޯޓުގެ ޚިދުމަތް ދޭ ވަގުތުތަކަށް މާދަމާއިން ފެށިގެން މި މަހުގެ 19 އާ ހަމައަށް ބަދަލު ގެނެސްފި އެވެ.

އިމްގެރޭޝަނުން މިއަދު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދާ މީހުން ގިނަވެފައިވާތީ މާދަމާއިން ފެށިގެން ހެނދުނު 8:00 އިން ފެށިގެން 6:00 ޖަހަންދެން ޕާސްޕޯޓުގެ ޚިދުމަތް ދޭނެ ކަމަށާއި މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ދާއިރު ޚިދުމަތަށް އެދި އަންނަ ފަރާތްތަކުގެ އަދަދު މަދުނުވާނަމަ، އިތުރު ހަފުތާއަށް ވަގުތު ދޭނެ ކަމަށެވެ.

މިބަދަލާއި ގުޅިގެން ހެނދުނު 8:15 އާއި 10:00 އާއި ދެމެދުގައި ހުށަހަޅާ ޕާސްޕޯޓު އެދުވަހެއްގެ 1:00 ފަހުން ދޫކުރާނެ އެވެ. އަދި 10:00 ގެ ފަހުން ހުށަހަޅާ އެޕްލިކޭޝަންތަކަށް ޕާސްޕޯޓު ދޫކުރާނީ ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހު އެވެ.

އިމިގެރޭޝަނުން ބުނީ ބަންދާއި ގުޅިގެން ޕާސްޕޯޓުގެ ޚިދުމަތަށް އެދި ދުވާލެއްގެ މައްޗަށް އެވްރޮޖުކޮށް، ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއެކު، 400 އާއި 450 ދެމެދުގެ ފަރާތްތަކަށް ޕާސްޕޯޓުގެ ޚިދުމަތް ދެވެއެވެ. މިބަދަލާއި ގުޅިގެން ދުވާލެއްގެ މައްޗަށް 550-600 ދެމެދުގެ އަދަދަކަށް ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.