ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ކޮވިޑްގެ ސަބަބުން ދައުލަތަށް 36 ބިލިއަން ރުފިޔާގެ ގެއްލުން

ކޮވިޑްގެ ސަބަބުން ނިމިދިޔަ 2020 ވަނަ އަހަރުން 2022 ވަނަ އަހަރަށް ދައުލަތަށް ލިބޭނެ ގެއްލުމުގެ އަދަދު 36 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވީ ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން މުހިއްމު ބަދަލުތަކެއް ގެންނަމުން ދާއިރު ކައުންސިލަރުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ވާނީ ގެނެސްދީފައި ކަމަށެވެ. އަދި ކޮންމެ ކައުންސިލަކަށްވެސް ސެކްރެޓަރީ ޖެނެރަލެއް ލުމަކީ ކައުންސިލްތަކުގެ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ގެނެވުނު ބަދަލުތަކަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަރަދުވެގެން ދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ހެދުމަށް ކަމުގައިވެސް ވިދާޅުވި އެވެ. ކަންކަން ކުރެވޭ ގާބިލް ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ލާމަރުކަޒީ ނިޒާމެއްގެ ހަގީގީ ބޭނުން ރައްޔިތުންނަށް ހާސިލް ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިގްތިސާދީ ކާރިސާއެއްގެ ތެރޭގައިވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ހަރަދުކުރުމުގައި
ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި ކައުންސިލްތަކުގެ އަމާޒަކަށް ވާން ވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ހަރަދުތައް މެނޭޖްކުރުން ކަމަށެވެ.

މި ވަގުތަކީ ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫން ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ކޮވިޑްގެ މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް މިވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު މިދިޔަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

އެހެންކަމުން އެ ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި ކޮންމެ ހަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮވިޑާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަގުސަދު ދައުލަތަށް ހާސިލް ކުރެވޭނީ ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި، ފިސްކަލް ކޮންސޮލިޑޭޝަން ގެނެސްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2022 ވަނަ އަހަރުގެ މައިގަނޑު އަމާޒަކީ އެ މަގަށް މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.