ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ކޮވިޑް ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖު ތައާރަފުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސްދުވަހުގެ މުއްދަތަކަށް އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން މި މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދީފަ ފަރާތްތަކަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް ޖުމުލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ފޯރުކޮށްދީ މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވާތީ ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ މަގުސަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށްވުމާއެކު މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް އީމެއިލް ކުރަންޖެހެ އެވެ.

މި މުއްދަތު ހަމަވާ ތާރީހުގައި 90 ދުވަހަށްވުރެ ގިނަ ދުވަހަށް ޕޭމަންޓް އޯވަޑިއުވެފައިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮތްކަން ފިނޭންސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.