އަދާލަތު ޕާޓީ

ހިސާން ބިލް: ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތު ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ބިލާ މެދުގައި އިލްމުވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރައީސް ސޯލިހް އެ ޔަގީންކަން ދެއްވާފައި ނަފުރަތުގެ ކުށާ ގުޅޭ ގޮތުން މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު އަދާލަތު ޕާޓީގެ އިސްބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލްވުމަށް ފަހު އަދާލަތު ޕާޓީގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ނަފުރަތުގެ ކުށާ ގުޅޭ ގޮތުން މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުތައް ރައީސް ސޯލިހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އެ ބިލް ގާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ.

"ހިސާނު ބިލު" ގައި ހިމަނާފައި މައިގަނޑަކީ ޕީނަލް ކޯޑް / ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބާބަށް ބައިތަކެއް އިތުރު ކުރާށެވެ. ބިލުގައި ވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން ކުށަކަށް ވެއެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުން، އެގޮތަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ހުށަހަޅާފައި ވެއެވެ. ބިލު ގައިވާ އެ ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.