ދުނިޔެ

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ހަމަލާދިނުން ނޫންގޮތެއް ނެތް: އިޒްރޭލު

އިރާންގެ ރައީސަކަށް އިބްރާހީމް ރައީސީ ހޮވިވަޑައިގަތުން އިޒްރޭލަށް ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. އިޒްރޭލުން ބުނާ ގޮތުން ރައީސީ ތަންފީޒު ކުރައްވާނީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އެޖެންޑާ އެވެ. އަދި ރޫހާނީ ލީޑަރެކޭ އެފަދައިން ގޮތް ދޫކުރެއްވުމެއް ނެތް ހަރުކަށި ވެރިއަކަށް ރައީސީ ވާނެ އެވެ.

އިޒްރޭލުން ބުނާ ގޮތުން ރައިސީގެ ޒައާމަތުގައި އީރާން ބަދަލު ވެގެން ދާނީ ސަރަހައްދީ ގައުމުތަކާ ދެކޮޅުވެރި އެއްވެސް ކަމެއްގައި ދޫދިނުމެއް ނެތް ގައުމަކަށެވެ. އަދި ނިއުކްލިއާ ބާރެއް ގޮތުގައި މުޅި ސަރަހައްދު ފަތަހަ ކުރުމަކީ އީރާންގެ ހުވަފެނެކެވެ. މިކަން މިހެން އޮތުމާއެކު އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ހަމަލާ ދިނުން ނޫންގޮތެއް ނެތް ކަމަށް އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލުން ބުނެ އެވެ.

އިބްރާހީމް ރައީސީއާ ބެހޭ ގޮތުން އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އިޒްރޭލުގެ ވާހަކަތަކުން ދޭހަވަނީ ރައީސީއަކީ އިޒްރޭލުގެ ބާރުތަކުން ވަަރަށް ޖެހިލުންވާ ބޭފުޅެއް ކަމެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު ވިދާޅުވީ ރައީސީ ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ.

އިޒްރޭލުން ވަނީ ދުނިޔެ ހޭލާ އޮތުމަށް ގޮވާލާފަ އެވެ. އަދި އީރާންގެ އާ ރައީސަށް ގައުމުތަކުން އެއްބާރުލުން ނުދިނުމަށް އެދި އިޒްރޭލުން ގެންދަނީ ކެމްޕޭން ކުރަމުންނެވެ.

އީރާން ނިއުކްލިއާ ބާރަކަށް ވުމަކީ އިޒްރޭލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އިޒްރޭލުން ބުނާ ގޮތުން އެހާ ކައިރީގައި އޮވެގެން އިޒްރޭލު އަންދާލާނެ ކަމަށް އަބަދު ގޮވާ ގައުމަކުން ނިއުކްލިއާ ބޮމެއް އުފެއްދުން އެއީ ހިތާމައިން ލަގޮނޑިފަޅައިގެންދާ ވަރުގެ ކަމަކަށް ވާނެ އެވެ.

އީރާންގެ ނިއުކްލިއާ ޑީލަކީ ވެސް އިޒްރޭލަށް އޮތް ރިހުމެކެވެ. އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން ވަކި ވަރެއްގައި ކޮންޓްރޯލްކޮށްފި ނަމަ އެމެރިކާއާ ބައިވެރިން ދޭން އެއްބަސްވާ އެހީއަކީ އީރާނަށް އަޅާފައި އޮތް ދަތިކުރުން ނައްތާލުމެވެ. އިޒްރޭލުން ބުނަނީ ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ނައްތާލައިފި ނަމަ އީރާނުން މާއަވަހަށް ނިއުކްލިއާ ބޮމެއް އުފައްދާނެ ކަމަށެވެ.

އިޒްރޭލަށް މިހާރު އެމެރިކާ ގާތު ކުސްތެޅުން ނޫން ކަމެއް ނެތެވެ. އިޒްރޭލުން އެދެނީ އީރާނައެކު އެއްވެސް ޑީލެއް ނުހެދުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް ގަދަފަދަކުރުމަށެވެ.

ރައީސީ މަގާމާ ހަވާލުވެ ވަޑައިން ނިއުކްލިއާ ޑިލާ މެދު ކަންކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ. އީރާންގެ ސިޔާސަތަކަށް ރައީސީ ގެންނަވާނެ ކަމަށް ހީވާ ބަދަލުތަކާ މެދު ފިކުރުކޮށްކޮށް އިޒްރޭލު މިހާރު އޮތީ ދެވަރުން އެއްވަރުވެފަ އެވެ.