ދުނިޔެ

ތުރުކީއާ އީރާނާއި އަފްޣާނުން ގުޅުން ބަދަހި ކުރަނީ

ތުރުކީއާ އީރާން އަދި އަފްޣާނިސްތާނުންގެ ފޮރިން މިނިސްޓަރުން އެއްމޭޒު ދޮށުގައި ބައްދަލު ކުރައްވައިފި އެވެ. ތުރުކީގެ ރިސޯޓް ސިޓީއެއް ކަމަށްވާ އަންތާލިޔާގައި މި މަހު 18 އިން 20 އަށް އޮތް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެ ވަޑައިތުމަށް ފަހު ތިން ވަޒީރުން ވަނީ ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ގުޅުން ބަދަހިކުރަން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ އާއި އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް އަދި އަފްޣާނިސްތާންގެ ފޮރިން މިނިސްޓަރު ހަނީފް އަތުމާރު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި މައުލޫތަކުގެ ތެރޭގައި ޓެރަރިޒަމާއި ސަރަހައްދީ ސުހަވެރިކަން އަދި އިގުތިސޯދީ ގޮތުން ގައުމުތަކުގެ މެދުގައި އެއްބާރުލުން ހިމެނެ އެވެ.

އަފްޣާނިސްތާންގެ ފޮރިން މިނިސްޓަރު ހަނީފް އަތުމާރު ވިދާޅުވި ގޮތުން ތުރުކީން އިސް ނަގައިގެން ޑިޕްލޮމަސީ ފޯރަމެއް ބޭއްވުމަކީ ދުނިޔޭގައި ބަސް ކިޔޭ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އިގުތިސޯދީ ގޮތުން އަވަށްޓެރި ގައުމުތަކަށް ތުރުކީން ފުރުސަތު ދިނުމަކީ ވެސް އަފްޣާނިސްތާނަށް ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ތުރުކީއަކީ ނޭޓޯ ޖަމާއަތަށް ނިސްބަތްވާ ގައުމެކެވެ. އެހެނެއް ކަމަކު ސަރަހައްދީ ގައުމުތަކުގެ މެދުގައި ކުދި ގުރޫޕްތައް އުފައްދައި ތުރުކީން ގެންދަނީ ވިޔަފާއި އާއި ތައުލީމް އަދި އަސްކަރީ ގޮތުން އެއްބާލަމުންނެވެ.

އަންތާލިޔާގައި ބޭއްވި އަންތާލިޔާ ޑިޕްލޮމަސީ ފޯރަމް ނިންމާލަމުން ތުރުކީ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ބޭއްވުނު އެއްމެ ބޮޑު ފޯރަމަށް އަންތާލިޔާ ފޯރަމަށް ވާނެ ކަމަށެވެ.