ދުނިޔެ

އީރާންގެ ރައީސްގެ ޚަބަރެއް އަދިވެސް ނުވޭ

އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާ ހިޔާން ދަތުރުކުރެއްވި ހެލިކޮޕްޓަރު – މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ފަރުބަދަމަތީ ސަރަހައްދަކަށް ޖައްސަން ޖެހުމާ ގުޅިގެން ހިނގައިދިޔަ ހާދީސާއެއްގައި – ވަނީ ގެއްލިފަ އެވެ.

މި ހާދިސާއަށް 12 ގަޑިއިރު ވެފައި ވާއިރު، ރައީސީގެ ޚަބަރެއް އަދިވެސް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީހުން ސަލާމަތްކުރާ ޓީމްތަކަށް ވެސް ވަނީ މޫސުމުގެ ސަބަބުން ވަރަށް ބޮޑެތި ހުރަސްތަކެއް ދިމާވެފަ އެވެ. ވައިގަދަވުމާއި ދުންފިނީގެ ސަބަބުން، ވައިގެން މަގުން މީހުން ހޯދަން ކުރި މަސައްކަތްތައް ވެސް ވަނީ ހުއްޓާލަން ޖެހިފަ އެވެ.

އެއްގަމު އުޅަނދާއި ފައިމަގުގައި ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެވޭ ހިސާބަށް ގިނަ ބަޔަކު މިހާރު ގޮސްފައި ވާއިރު، ރައީސީގެ ހެލިކޮޕްޓަރާ ހަމައަށް އަދިވެސް ނުދެވެ އެވެ.

ތުރުކީން ލިބޭ ޚަބަރުތައް ބުނާ ގޮތުން އެ ގައުމުގެ މޫސުން ބަލާ ޑްރޯންތަކަށް ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން ހޫނުއަރާ ސަރަހައްދެއް ވަނީ ފެނިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނު ތަނެވެ.

ހެލިކޮޕްޓަރު ހޯދަން މަސައްކަތްކުރާ އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްއިން ވެސް ވަނީ ތުރުކީން އެ ބުނާ ސަރަހައްދާ މެދު ޔަގީންކަން އޮތް ކަމަށް ބުނެފަ އެވެ.

ނަމަވެސް، ޑްރޯންތަކުން ދައްކާ ތަނުގެ ޔަގީންކަން ކަށަވަރުކުރެވޭ ވަރަށް އެ ސަރަހައްދަށް ގާތްވެވޭ ގޮތް ނުވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން ބުނެ އެވެ.