އީރާންގައި މި މަހު 28 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތުހަމަވާ ހަ ކެންޑިޑޭޓެއްގެ ނަން އިއުލާންކޮށްފި އެވެ.
އީރާންގައި އިންތިހާބުތަކުގައި ވާދަކުވެރެވެނީ އެ ގައުމުގެ ލީޑަރު އަލީ ޚާމަނާއިގެ ހާއްސަ އިނާޔަތްތަކެއް އޮންނަ އިލްމުވެރިންގެ ކޮމިޓީއަކުން ފާސްކުރާ މީހަކަށެވެ.
ޖޫން 28 އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހަ ކެންޑިޑޭޓަކަށް ހުއްދަ ލިބިފައި މިވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހެޅި 80 ފޯމެއްގެ ތެރެއިންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުއްދަ ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣަލިބާފް، ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ސައީދު ޖަލީލީ އަދި ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލުކުރައްވާ މަސްއޫދު ޕަޒަސްކިޔާން ހިމެނެ އެވެ.
އީރާންގެ ކުރީގެ ދާހިލީ ވަޒީރު މުސްތަފާ ޕޫރު މުހައްމަދީ، ތެހެރާންގެ މޭޔަރު އަލީ ރިޒާ ޒަކާނީ އަދި ނައިބްރައީސް އަމީރު ހުސައިން ޣަޒިޒާދާ ހާޝިމީއަށް ވެސް ވަނީ އިލްމުވެރިންގެ ދެ ކޮމިޓީން ރުހުން ލިބިފަ އެވެ.
އީރާނަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި މި ފަހަރުވެސް، އެ ގައުމުގައި ކުރިން ރައީސްކަން ކުރެއްވި މަހްމުދު އަހުމަދީ ނިޖާދާށް ފުރުސަތު ލިބިވަޑައެއް ނުގެންނެވި އެވެ.
އީރާންގައި ރިޔާސީ އިންތިހާބު ބާއްވާ ގޮތަށް ކުރިން އޮތީ އަންނަ އަހަރު 2025 ގައެވެ. ނަމަވެސް އީރާންގެ ރައީސް ޑރ. އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން އަވަސް އިންތިހާބެއް ބާއްވަން ޖެހުނީ އެވެ.
އިބްރާހީމް ރައީސީ އާއި ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން އަދި ހެލިކޮޕްޓަރުގައި ދެން ތިބި ހަތް މީހުން އަވަހާރަވީ އީރާނާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވައިދެއްވުމަށްފަހު އެ ބޭފުޅުންގެ ރަސްމީ މަތިންދާބޯޓަށް ދަތުރުކުރައްވަނިކޮށް ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއް ގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާބޮޑަށް މޫސުން ގޯސްވުމުންނެވެ. ނަމަވެސް އެކްސިޑެންޓް ހިނގި ސަބަބު ރަސްމީކޮށް އަދިވެސް ހާމައެއް ނުކުރެ އެވެ. މި އެކްސިޑެންޓާ ގުޅިގެން ޝައްކުކުރެވޭ އެތައް ކަމެއް ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް ހެލިކޮޕްޓަރު ވެއްޓުނީ ބަޔަކު ދިން ހަމަލާއެއްގައި ނޫން ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
މި ހަދިސާގައި އެހެން ބަޔަކަށް ޝައްކު ކުރެވޭ ވަރުގެ ފުރުސަތު ނެތް ކަމަށްވެސް ހޯދި ހޯދުންތަކުން އޮތީ ދައްކާފަ އެވެ.