ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ރަސްމީ ދަތުރެއްގައި ކުވޭތަށް ވަޑައިގެންފި އެވެ.
މަދޫރޯ ކުވޭތަށް ވަޑައިގެންނެވި ސަބަބެއް ކަމަށް ކުވޭތު ނޫސްތަކުން ބުނަނީ ސަރުކާރުގެ ގިންތިތަކުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
މަދޫރޯ މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީ އަށެވެ. ތުރުކީގައި އިގުތިސޯދީ ގޮތުން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވައި އެއްބަސްވުން ތަކެއްގައި ސޮއިވެސް ކުރެއްވި އެވެ.
މަދޫރޯ އަދި އެއަށް ފަހު އަލްޖީރިއާއަށް ވެސް ވަޑައިގެންނެވި އެވެ.
އީރާންގެ ރައީސް، އިބްރާހީމް ރައިސީގެ ދައުވަތަކަށް ތެހެރާންއަށް ވަޑައިގެން މަދޫރޯ ވަނީ އީރާނާއެކު އެއްބަސްވުން ތަކެއްގައި ސޮއިކުރައްވައި ގުޅުން 20 އަހަރަށް ދިގުދަންމާލަފަ އެވެ.
ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުން ތަކުގެ ސަބަބުން ވެނެޒުއެލާގައި ތެޔޮ ސާފުުރަން ބޮޑު އެހީތެރިކަމެއް އިރާނުން ފޯރުކޮށްދޭނެ އެވެ.
މަދޫރޯ ކުވޭތަށް ވަޑައިގެން ފޮރިން މިނިސްޓަރު ޝެއިޚް އަހުމަދު ނާސިރު މުހައްމަދު އަލްސަބާހްއާ ބައްދަލު ކުރެއްވި އެވެ. އެހެން ނަމަވެސް ދެގައުމުން ކުރެ ގައުމަކުން އިތުރު ތަފުސީލެއް ނުދެ އެވެ.
ވެނެޒުއެލާ އަކީ ވެސް ތެލުގެ މުއްސަނިދިކަން އޮތް ގައުމެކެވެ. ކުވޭތަކީ ވެސް ތެލާއި ގުދުރަތީ ގޭހުން މުއްސަދިވެފައި އޮތް ގައުމެކެވެ.
ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން ތެލަކީ ރަނަށް ވުރެ ބޭނުންތެރި އެއްޗަކަށް ވަނީ ވެފަ އެވެ. ތެލަކީ ރަނަށް ވުރެ ގިނައިން ބޭނުންކުރަން ޖެހޭ އެއްޗަކަށް ވުމުން ތެޔޮ ހޯދާނެ ގޮތަކާ މެދު ނުފޫޒުގަދަ ގައުމުތަކުން ތިބީ ސުކުން ޖެހިފަ އެވެ.