ދުނިޔެ

އީރާނާއި ވެނެޒުއެލާ އެއްބާރުލުން 20 އަހަރަށް ދަންމާލަނީ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މިހާރު ވަޑައިގެން އުޅުއްވަނީ އީރާންގަ އެވެ. އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއި މަދުރޯ ތެހެރާންގައި ބައްދަލު ކުރައްވައި ވަނީ މަޝްވަރާ ސެޝަންތަކެއް ބާއްވާފަ އެވެ.

އެމެެރިކާގެ ދަތި ކުރުންތަކާ ހެދި ދުނިޔޭގައި އުޅެން ދަތިވެފައި އޮތް ދެ ގައުމުގެ ވެރިން ބައްދަލު ކުރައްވައި ހުޅަނގަށް ގޮންޖަހާނެ ފިކުރެއް މަޝްވަރާތަކުން އުފަން ކުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދެ ރައީސުންގެ މަޝްވަރާތަކަށް ފަހު ދުނިޔެއަށް ދެއްވީ ސިއްސައިގެންދާ ކަހަލަ ޚަބަރެކެވެ. ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމުގެ އާ ޖީލެއް އުފައްދައި އެއްބާރުލުން 20 އަހަރަށް ދައްމާލަން އެއްބަސްވެ ވަޑައިގެން ސޮއި ކުރެއްވި ޚަބަރެވެ.

މިއީ ދުނިޔެ ތެލަށް ޖެހިފައި ވަނިކޮށް ތެލުގެ މުއްސަނދިކަން ލިބިފައިވާ ދެ ގައުމުން ދުނިޔޭގެ ވިޔަފާރިއަށް ވަދެގެންފާނެ ކަމަށް ބެލެވޭ އެއްބާރުލުމެކެވެ.

އީރާން އާއި ވެނެޒުއެލާއާ ދެމެދު 20 އަހަރު ދުވަހަށް ސޮއިކުރި އެއްބަސްވުމުގެ މައިގަނޑަކީ ވެސް ތެލުގެ ވިޔަފާރި އެވެ. އޭގެ އިތުރުން ދަނޑުވެރިކަމާއި ޓޫރިޒަމް, ސަގާފަތް އަދި ދިފާއީ ގުޅުން ބަދަހި ކުރަން ވަނީ އެއްބަސްވެފަ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިރާންގެ ފޮރިން މިނިސްޓަރު، ހުސައިން އަމީރު އަބްދުލާހިޔާން އާއި ވެނެޒުއެލާގެ ފޮރިން އެފެއާޒް މިނިސްޓަރު ކާލޮސް ފާރިއާ އެވެ.

ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އީރާނުން ވަނީ ތެޔޮ ސާފުކުރާ ނިޒާމްތައް މަރާމާތުކޮށް ދިނުމަށް އެއްބަސްވެފަ އެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ވެނެޒުއެލާ އަކީ ހިތްވަރު ގަދަ ގައުމެކެވެ. އެ ގައުމަށް ދަތިކުރަން ދުޝްމަނުން އަޅާފައި ހުރި ފިޔަޅުތަކަށް ދޫނުކޮށް ތަރައްގީގައި ކުރިއަށް ދާ ގައުމެކެވެ.

ރައީސީ ވިދާޅުވި ގޮތުގައި ދަތިކުރުން ތަކާއެކު ވެސް އީރާނާއި ވެނެޒުއެލާ ދާނީ ކުރިއަށެވެ. ދެގައުމުެ ދެމެދުގައި އެއްބާރުލުން ދިގު މުއްދަތަކަށް ދަންމާލުމުގެ ބޭނުމެއް ކަމަށް ރައީސީ ވިދަޅުވީ ދުޝްވަމުންގެ ވަކިތަކުން ސަލާމަތްވެ ތިބެ ގައުމު ތަރައްގީ ކުރުމެވެ.

އިރާނަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކަށް 40 އަހަރު ވެފައި ވާއިރު ވެސް އީރާން އޮތީ ދުޝްމަުން ހީކުރި ވަރަށް ވުރެ ބާރުގަދަކޮށް ކަމަށް ރައީސީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އީރާނުން ބެލީ މާޔޫސްވުމުގެ ބަދަލުގައި ގައުމު ތަރައްގީކުރަން ކަމަށެވެ.